English Edition
Dhivehi Edition

ދައުލަތުގެގެ ތިން ބާރުގެ ތެރެއިން ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު ހަމަޖައްސައިދޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި މި އިސްލާހު ފާސްކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ،

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅު ދައުލަތުން ހަމަޖެއްސުމަށް މިއަދު ރައީސް ތަސްދީގުކުރެއްވި ދެ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ގެނައި އެއްވަނަ އިސްލާހު އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ގެނައި ހަ ވަނަ އިސްލާހެވެ.

މި ބިލްތައް ތަސްދީގުކުރެއްވުމުން ދައުލަތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވާނެ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ހަރަދު ހަމަޖައްސައިދޭނެއެވެ. އަދި އުއްތަމަފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވާ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ހަރަދު ހަމަޖައްސައިދޭނެއެވެ.

މި އިސްލާހާއި އެކު މިހާރު ގާނޫނުގައިވާ ގޮތުން ދެ ބާރުގެ ވެރިންނަށް ދައުލަތުން ހަމަޖައްސާދޭ ތަނުގައި ސެކިއުރިޓީ ބަލަހައްޓާނީ ޤައުމީ ދިފާއީ ބާރުން ކަމަށެވެ. އަދި މަޖިލިސް ރައީސްގެ ގެކޮޅަށް ފޯރުކޮށްދޭ މުއައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އަދި އުއްތަމަފަނޑިޔާރުގެ ރަސްމީ ގެކޮޅަށް މުއައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުންނެވެ.