ޒަމާނަށް އަންނަ ބަދަލުތަކާއެކު ޝަރުޢީ ދާއިރާގެ ކަންކަން ހިންގުމަށް ބަދަލު ގެންނަންޖެހޭކަމަށް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މިއަދު މިހެން ވިދާޅުވީ ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“ޒަމާނަށް އަންނަ ބަދަލުތަކާއެކު، ޝަރުޢީ ދާއިރާގެ ކަންކަން ކުރިއަށް ގެންދާ ގޮތްތަކަށް ވެސް ބަދަލެއް ގެންނަން ޖެހޭ. އަޅުގަނޑުމެން ވިސްނާލަން ޖެހޭ، މިހާރުގެ ޒަމާނާ އެކަށީގެންވާ ގޮތެއްގައި، ޓެކްނޯލޮޖީއާއި ވަސީލަތްތަކުގެ ބޭނުންކޮށްގެން، ޢަދުލު އިންސާފް ގާއިމްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް،” އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރުކަމުގައި ހަމައެކަނި އަދުލުވެރިވުމުން ފުދޭނެ ކަމަށް ނުދެކެވޭ ކަމަށާއި، އަދުލުވެރިކަމާއެކު އިހްސާންތެރިކަން އިސްކުރުން ވެސް ފަނޑިޔާރުންގެ ވާޖިބެއް ކަމުގައި އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތަކީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ (ޕީ.އެސް.އައި.ޕީ) ދަށުން ޢިމާރާތްކުރެވުނު އިމާރާތެކެވެ. މި އިމާރާތުން ކޯޓަށް ކުރިން ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބި، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.
ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓު ހުޅުވުމުގެ ރަސްމިއްޔާތަކީ، އުއްތަމަ ފަނޑިޔާރުގެ ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ރަސްމިއްޔާތެކެވެ. މި ދަތުރުފުޅުގައި، ދ. އަތޮޅުގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް ކޯޓުތަކުގެ މަސައްކަތް ބައްލަވައި، މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ. މި ދަތުރުފުޅުގައި ސުޕްރީމް ކޯޓުގެ އިސް ބޭފުޅުންނާއި ޖުޑީޝަލް ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.