English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ - ފޮޓޯ: ވަން އޮންލައިން

ކޮވިޑް-19 އިން ރަނގަޅުވާ މީހުންނަށް ކަރަންޓީނަކާއި ނުލައި ރަށް ރަށަށް ދެވޭ ގޮތަށް ހަމަޖެއްސީ، އެމީހުންނަށް ލިބޭ ރައްކާތެރިކަން ބޮޑުވުމުގެ ސަބަބުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މާދަމާ އިން ފެށިގެން ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ކޮވިޑް ޖެހިގެން ރަނގަޅުވެފައިވާ މީހުންނަށް ކަރަންޓީނަކާއި ނުލައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ކޮވިޑް19 އިން ދިފާއުވުމަށް ދެ ޑޯޒް ވެކްސިން ފުރިހަމަކުރި މީހުންގެ ނިސްބަތް މަދުވުމާއި ގުޅިގެން ވެކްސިން ޑޯޒް ފުރިހަމަކުރި މީހުންނަށް ލުއި ދިނުމާއި މެދު އެއްވެސް ގޮތެއް ނިންމިފައެއް ނުވެއެވެ.

ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު އެޗްޕީއޭގެ އޮފިޝަލަކުވިދާޅުވީ ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއި ނުދީ ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް ލުއިދީފައިވަނީ ބަލިން ރަނގަޅުވާ މީހުންނަށް ލިބޭ ރައްކާތެރިކަން ބޮޑުވާތީ ކަމަށެވެ. އިތުރަށް އެޗްޕީއޭއިން ބުނީ ކޮވިޑް އިން ރަނގަޅުވުމަށް ފަހު 60 ދުވަހުގެ ތެރޭގައި އަލުން ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަކަމަށާއި އެފަދަ ކޮވިޑް ކޭސްތައް ދުނިޔެ އިން ވެސް ފެންނަނީ ވަރަށް މަދުން ކަމަށެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ބަލިން ރަނގަޅު، ވަކި މުއްދަތެއް ވެފައިވާ މީހުންނަށް އެއްވެސް ކަހަލަ ދަތިކަމަކާއި ނުލައި ދަތުރު ކުރެވޭނެ ގޮތަށް އުސޫލު ބަދަލުކުރުމަށް ނިންމާފައިވާއިރު މާލޭ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ވަގުތު ކުރުކޮށް, ބޭރަށް ނުކުތުމަށް ފާސް ބޭނުން ނުވާ ގޮތަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ.