English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ގައި އަޅާފައިވާ ފްލެޓުތަކުގެ ކުލި މިހާރު ކަނޑައަޅާފައިވާ ވަރަށް ވުރެ އިތުރަށް ކުޑަކޮށްފިނަމަ ދައުލަތަށް ވަރަށް ބޮޑު ބުރައަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެޗްޑީސީން މިހާރު ނިންމާފައިވަނީ ހިޔާ ފްލެޓްތަކަށް މަހަކު 7,500ރ ގެ ކުއްޔެއް ނެގުމަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނެގުމަށް ހަމަޖެހިފައިވާއިރު ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދިނުމަށް އެދި ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓުތަކުގެ ކުއްޔާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއަކީ ކޮމާޝަލް ލޯނެއް ނަގައިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެއް ކަމަށެވެ. އަދި 20 އަހަރުން ދައްކާގޮތަށް 8 ޕަސެންޓު އިންޓްރެސްޓުގައި ނެގި އެ ލޯނުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުގައި އަޅާފައިވާ ފްލެޓުތަކުގެ އަގު ޖެހެނީ، ފްލެޓަކަށް 1.2 މިލިއަން ރުފިޔާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ

ހިޔާ ފްލެޓްގެ އެޕާޓްމަންޓްތައް ހަދާފައިވާ އަގަކީ މަތީ އަގަކަށް ވާތީ، ކުލި ކުޑަ ކުރުންވީ ދަތި ކަމެއްކަން ފާހަގަކުރަމުން ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ހިސާބުތައް ބެލިއިރު ފްލެޓެއްގެ ކުލީ އަގަށް ޖެހުނީ 10،490 ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް ސޯޝަލް ހައުސިން ފްލެޓެއްގެ ކުލީ އަގަށް އެއީ ވަރަށް ބޮޑު އަދަދެއް ކަން ގަބޫލު ކުރެވޭތީ، އެޗްޑީސީއާއި މަޝްވަރާކޮށްފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެޗްޑީސީ އާއި އެކު ކުރި މަޝްވަރާތަކަށް ފަހު ފްލެޓްގެ އަގު މިހާރު ކަނޑައަޅާފައިވާ މިންވަރު ކަމުގައިވާ 7،500 ރުފިޔާ އަކީ ކަނޑައެޅެން އޮތް އެންމެ ކުޑަ އަގު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ރައީސް ވިދާޅުވީ ފްލެޓްގެ އަގު މިއަށްވުރެ ކުޑަކުރާކަމަށް ވާނަމަ ވަރަށް ބޮޑު ތަކުލީފެއް ސަރުކާރުން އިތުރަށް އުފުލަން ޖެހޭނެކަމަށެވެ. އަދި މިހާރުވެސް ސަރުކާރުން ލޯނު ދައްކާ ނިންމަން، ސަރުކާރުގެ ބަޖެޓުން 3.2 ބިލިއަން ރުފިޔާ ދައްކަންޖެހޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އިތުރަށް ރައީސް ވިދާޅުވީ މިއީ ސަރުކާރަށް އެކި ގޮތްގޮތުން ރައްޔިތުން ދައްކާ ޓެކްސް ފައިސާ އިން ހަމައެކަނި މި ފްލެޓުތަކަށް ހޭދަކުންޖެހޭ ވަރުކަން ފާހަގަކުރައްވާފައެވެ.