English Edition
Dhivehi Edition
އަރބަންކޯގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި ގޮތަށް ހިޔާ ފްލެޓް ހަދަން ޚަރަދު ކުރި ފައިސާ، އެ ފްލެޓްތަކުގެ ވެރިންނަށް ލިބޭނެކަމުގެ ޔަގީންކަން އަރބަންކޯގެ އާ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ދެއްވައިފިއެވެ.

ފަޒުލް މިހެން ވިދާޅުވީ ހިޔާ ފްލެޓް ގެ ފިނިޝިންއަށް ދޭން ވައުދުވި 200،000 ރުފިޔާ ނުދިނުމަށް ނިންމާފައިވާކަމަށް ބުނެ މީސް މީޑީއާގައި ވާހަކަ ފަތުރަމުން ދަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ފެށުމަށް ހުޅުމާލޭ ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ގެ ވެރިކަމުގައި ފްލެޓް އިމާރާތްތަކަށް މީހުން ވައްދަން ނިންމާފައި އޮތީ އިމާރާތުގެ ފިނިޝިން ނިންމުމަށްފަހު ނަމަވެސް ފަހުން އައި ސަރުކާރުން އެތަން ދިނީ ފިނިޝިން މަސައްކަތް ނުނިންމާ ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ހިޔާ ފްލެޓް ތަކަށް ބަދަލުވީ މީހުން އަތުން ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހުނު ކަމަށް ވިދާޅުވެ ރައީސް ޑރ.މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެފައިސާ އަނބުރާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ހިޔާ ފްލެޓްތަކަކީ ރައީސް ޔާމީންގެ ދައުރުގައި ހަދާފައިވާ ފްލެޓްތަކެކެވެ. އެ ފްލެޓްތަކުގެ ހައްޤުވެރިންނަށް ޕްލެޓްތައް ދިނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައެވެ. އޭރު ފްލެޓްތައް ޙަވާލުކުރިއިރު ފިނިޝިން މަސައްކަތް ނުނިންމާ ހުރުމުގެ ސަބަބުން ބޮޑު ޚަރަދެއް ކޮށްގެން ފްލެޓްތަކަށް ވަންނަން ޖެހުނު ކަމުގެ ޝަކުވާ ރައްޔިތުން ދިޔައީ އުފުލަމުންނެވެ. އެޝަކުވާތަކަށް ކުރީގެ ސަރުކާރުން ދެއްކި ބަހަނާއަކީ ފިނިޝިން މަސައްކަތް ކޮންޓްރެކްޓް ގައި ހިމަނާފައިނެތް ނެތުމެވެ. ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރަކަށްވެސް އޭރު ހުންނެވި ރައީސް ޑޮކްޓަރ މުޢިއްޒު ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުން ވިދާޅުވީ އޭރު އެކަމަށް ލޯންހަމަ ޖެހުނުކަމަށާއި ރައީސް އިބޫގެ ސަރުކާރުން އެލޯން ދޫކޮށްލެއްވީ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ އަދަދަކީ، 6،860 އެވެ. އެހެންކަމުން 200،000ރ. ކޮންމެ ފްލެޓަކަށް ދޭ ނަމަ، އެކަމަށް ދައުލަތުން 1.36 ބިލިއަން ރުފިޔާގެ ޢަދަދެއް ޚަރަދު ކުރަން ޖެހޭނެ އެވެ.