އާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ސަރުކާރުގެ މަޝްރޫއަކުން އެއް ކޮޓަރީގެ ފްލެޓެއް ލިބިފައިވާ މީހެއްގެ 18 އަހަރުން ދަށުގެ ކުދިން ތިބި ނަމަ، އެ ފްލެޓް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުމުން އާ މަޝްރޫއުތަކަށް ކުރިމަތިލެވޭނެއެވެ. ހަމައެހެންމެ، ދެ ކޮޓަރީގެ ފްލެޓެއް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، 18 އަހަރުން ދަށުގެ ދެ ޖިންސުގެ ކުދިން ތިބި އާއިލާތަކަށް ވެސް، މިހާރު ހުރި ތަން ދޫކޮށްލުމަށް ޝަރުތުކޮށް އަލުން ފްލެޓަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި ބަދަލު ގެނެސްފައި ވަނީ ކުރިން ފްލެޓް ލިބިފައި ތިބި މީހުންނަށް ޖާގައިގެ ދަތިކަން ކުރިމަތިވެ، އާ ސްކީމްތަކަށް ޝަރުތު ހަމަނުވާތީ ރައްޔިތުން ކުރަމުންދިޔަ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށެވެ. މީގެ އިތުރުން، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކަށް 15،000 ގޯތި ދޫކުރުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.