English Edition
Dhivehi Edition
ސިނަމާލެ ބްރިޖް ސަރަޙައްދު/ފޮޓޯ އިންޓަނެޓް

ކޮވިޑް-19ގެ ސަބަބުން މާލޭ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ވަގުތު ކުރުކޮށް, ބޭރަށް ނުކުތުމަށް ފާސް ބޭނުން ނުވާ ގޮތަށް ހަދަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި ފެށޭ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭގައި ކާފިއު ހިންގާނީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް ކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވީ ކާފިއު ވަގުތު ކުރު ކުރުމާއި އެކު، ކާފިއު ނޫން ވަގުތުތަކުގައި މީގެ ކުރިން ހާއްސަ ހުއްދައެއް އޮވެގެން ބޭރަށް ދެވޭނެ ގޮތަށް އެކުލަވާލާފައިވާ އުސޫލަށް ވެސް މިހާރު ލުއިތަކެއް ދީފައިވާ ކަމަށެވެ. މި ގޮތުން ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުތުމަށް މިހާރު ބޭނުންވާ ފާސް ބޭނުންކުރުން ހުއްޓާލެވޭނެ ކަމަށާއި ބޭރަށް ނުކުތުމަށް ފާސް ބޭނުން ނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކާފިއު ނޫން ވަގުތުތަކުގައި ހުރިހާ ވިޔަފާރިއެއް ހުޅުވާލަން ނިންމާފައިވާއިރު މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލަންވެސް ވަނީ ނިންމާފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާއިރު، މިހާރު މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.