English Edition
Dhivehi Edition
ހުޅުމާލެ

ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 281 އުޅަނދު ނަގާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.

އެއްގަމުގައި ދުއްވާ އުޅަނދު މާލެ ސަރަހައްދުގައި ގިނަވެ، މަގުމަތި ތޮއްޖެހުމުގެ ސަބަބުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު ފެށި މަސައްކަތުގެ ދަށުން މި ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ވަނީ މަގުމަތީގައި ގިނަ ދުވަސްވީ އުޅަނދުތައް ނަގާފައެވެ. މިގޮތުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތަކުގެ ތެރެއިން ޖުމްލަ 123 އުޅަނދު ނައްތާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ މި މަސައްކަތުގެ މަގްސަދަކީ އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތަކާ ގުޅިގެން މީހުންގެ ފުރާނަ ގެއްލިގެންދާ ރޭޓް ދަށްކުރުން ކަމަށެވެ. އަދި އެކްސިޑެންޓުގެ ސަބަބުން ނުރައްކާތެރިކަމަށް ހުށަހެޅިގެންދާ ފަރާތްތައް މަދުކޮށް މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރުކޮށްދިނުމާއެކު ދުޅަހެޔޮ ވެއްޓެއް ގާއިމުކޮށްދިނުން ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްނެގުމާއެކު ފުލުހުން، މާލެ ސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ހައުސިން މިނިސްޓްރީގެ އިތުރުން ވެމްކޯ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެންނެވެ.