English Edition
Dhivehi Edition

ގދ.ތިނަދޫގައި ކޮވިޑް19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް، މިހާރު ގޭގެއަށް ދޫކޮށްފައިވާ ހައުސްހޯލްޑް ޕާރމިޓް ބޭނުންކޮށްގެން ބޭރަށް ނިކުމެވޭނީ ކޮންމެ ގޭބިސީއަކުން އެކަކަށް، ހަފްތާއަކު އެއްދުވަހު، އެއްގަޑިއިރަށް ކަމަށް ތިނަދޫ ކައުންސިލް އިދާރާއިން ބުނެފިއެވެ،

އެ އިދާރާއިން މިރޭ ނެރުނު އިއުލާނުގައި ބުނީ ވިޑް-19 ބަލިމަޑުކަން ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވެފައިވާތީ، ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކާފިޢު ވަގުތުތަކުގައި ނޫން ވަގުތުތަކުގައިވެސް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށްޓަކައި ކޮންމެ ހައުސްހޯލްޑް އަކަށް ދެ ފާސް ދޫކުރެވިފައިވީ ނަމަވެސް، ބައްޔަށް ފައްސިވާ މީހުންގެ ޢަދަދު މަދުނުވާ ކަމަށެވެ. އަދި މިއީ ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކޮށް ކައުންސިލުން ބުނީ މި މަހުގެ 24 ވަނަ ދުވަހު ބޭއްވި އީއޯސީ ބައްދަލުވުމުގައި، މަޝްވަރާކުރުމަށްފަހު ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށް ނިންމާފައިވާކަމަށެވެ.

އެހެންކަމުން މިހާރު ގޭގެއަށް ދޫކޮށްފައިވާ ހައުސްހޯލްޑް ޕާރމިޓް ބޭނުންކޮށްގެން ބޭރަށް ނިކުމެވޭނީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ކަނޑައަޅާފައިވާ ވަގުތުތަކަށް ކޮންމެ ގޭބިސީއަކުން އެކަކަށް، ޙަފްތާއަކު އެއްދުވަހު، އެއްގަޑިއިރަށްކަމަށް ކައުންސިލުންވަނީ ބުނެފައެދވެ. އަދި އެނޫން ގަޑިތަކުގައި ޒަރޫރީ ކަންކަމުގައި ބޭރަށް ނުކުތުމަށް ބޭނުން ކުރެވޭނީ ހަމައެކަނި ޕޮލިސް ޓައިމް ބައުންޑް ޕާރމިޓް ކަމުގައި ހަމަޖައްސަވައި އެކަން އެގޮތުގެ މަތިން ތަންފީޒު ކޮށްދިނުމަށް، ކައުންސިލުން، ފުލުހުންގެ ފަރާތުން އެދިފައިވާކަމަށްވެސް މި އިއުލާނުގައި ވަނީ ބުނެފައެވެ.