English Edition
Dhivehi Edition
ހުޅުމީދޫ ބޮޑުމަގުން ޒުވާނުންތަކެއް ހަވީރު ފިންޏަށް ދުއްވާލަން ދަނީ: ފޮޓޯ ލުބްނާ އޭއޯ ނިއުސް

ފުލުހުން މީހުން ބަންދުކުރާ ތަނާއި ބަންދުކުރާ ހާލަތްތައް ސިޓީ ކައުންސިލްތަކަށް އެންގުމަކީ ޤާނޫނީ ގޮތުން އޮންނަކަމެއް ނޫންކަމަށް އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫއިން ކޮވިޑަށް ޕޮޒިޓިވްވި ދެ މީހަކުއ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކުރުމާއި ގުޅިގެން ހުޅުދޫ މީދޫ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި އޭއޯ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މި ގޮތުން ނިޒާރު ވިދާޅުވީ ޕޮޒިޓިވް ދެ މީހަކު ގޭގައި ބޭތިއްބުމަށް ފުލުހުންނާއި އީއޯސީ އިން މަސައްކަތްކޮށްފައިވާކަމަށެވެ. އެހެންނަމަވެސް ޕޮޒިޓިވްވި ދެމީހުން ގޭގައި މަޑުނުކޮށް ނުކުތުމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް ބަންދުކުރީ ކޮންތަނެއްގައިކަން، އެގޭނީ ފުލުހުންނަށް ކަމަށާއި ބަންދުކުރިތަނާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިނުވާކަމަށެވެ. “ވެސް ބަންދުކުރާނެ ތަނެއް ނިންމާނީ ފުލުހުން” ނިޒާރު ވިދާޅުވިއެވެ. “ކޮވިޑަށް ޕޮޒިޓިވްވިއަސް ހިތަދޫގައިވެސް ބަންދުކުރުމަށް އިންނަނީ ވަކި ލިމިޓެއް، އެ ލިމިޓަށްވުރެ އިތުރަށް ބަންދުކުރަންޏާ ހުޅުމީދޫގައިވެސް ކުރެވޭނެ. އެކަން ނިންމާނީ ފުލުހުން” ނިޒާރު ވިދާޅުވިއެވެ.

އިތުރަށް މޭޔަރު ވިދާޅުވީ މިކަމާއި ގުޅޭ އިތުރު މައުލޫމާތު ލިބިގެން ދިޔައީ މިއަދު މީދޫ އިން ގުޅުމުން ކަމަށެވެ. އަދި މިކަމާއި ގުޅިގެން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައިނުވާކަމަށާއި ފުލުހުން އެކަންތައްތައް ކުރިއަށް ގެންދާނީ ވަރަށް ރައްކާތެރިކަމާއެކު ކަމަށް ގަބޫލުކުރެވޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.”ފުލުހުންވެސް ބޭނުމެއް ނުވާނެ ބަލި ރަށުތެރެއަށް ފަތުރާކަށް. ޕޮޒިޓިވް ކޭސް އެއް ވީމަ ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ” ނިޒާރު ވިދާޅުވިއެވެ، އިތުރަށް ނިޒާރު ވިދާޅުވީ ޕޮޒިޓިވް ބަޔަކު ބަންދުކުރި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ބަލާ، ފުލުހުންނާއި އެކާމާއި ގުޅޭ ގޮތުން މަޝްވަރާކުރާނެކަމަށެވެ.

މިކަމާއި ގުޅިގެން ޕޮލިސް މީޑިއާ އިން ބުނީ ކަރަންޓީން އުސޫލާއި ހިލާފަށް ބޭރަށް ނިކުމެ އުޅެމުން ދިޔަ ދެ މީހަކަށް ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް ކަރަންޓީން އުސޫލާއި ހިލާފުވަމުންދާތީ އެ ދެމީހުން ހައްޔަރުކޮށްފައިވާކަމަށެވެ، އަދި އެ ދެމީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާތީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި އެމީހުން ވަކިން ބައިތިއްބާނެ ޖާގަނެތުމުން އެމީހުން ހުޅުމީދޫ ޕޮލިސް ކަސްޓޯޑިއަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާކަމަށެވެ.

އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބަލި ކޮންޓްރޯލްކުރެވި މޮނީޓަރިންވެސް އުވާލާފައިވާއިރު ބައްޔަށް ޕޮޒިޓިވްވެފައިވާ ދެމީހަކު މި ދެ އަވަށުގެ ޕޮލިސް ސްޓޭޝަނަށް ގެނައި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނުރުހުންފާޅުކުރަމުންނެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން ޕޮޒިޓިވްވެގެން ގެނައި ދެމީހުން ރޭ ދަންވަރުވެސް ޑޮކްޓަރަށް ދައްކާފައިވާއިރު އެމީހުން ތިބި ގޮޅީގައި އިތުރު މީހަކުވެސް އޮތްކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.