ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނަކީ ޔަހޫދީއެއް އަދި ޒަޔަނިސްޓެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ސިފަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ދޫކުރުމަށް ނިންމާފައިވާ ބޭރުގެ ކުންފުންޏެއްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޔަހޫދީންނަށް ވާގިވެރިވާ އަދި އެ މީހުންގެ ތައުރީފާއި ސަނާ ލިބިފައިވާ ފަރާތެއް ކަމަށެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން ރައީސް މުއިއްޒުގެ ކިބައިގައި ޔަހޫދީންގެ ސިފަތައް ހުރި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މައުރޫފްގެ މި ވާހަކަތަކާ ގުޅިގެން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި މުއިއްޒުއާ ދިމާލަށް ޔަހޫދީއަށް ނުގޮވޭނެކަމަށް ވިދާޅުވެފައެވެ. އެއާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ އެއްވެސް މީހަކާ ދިމާލަށް ޔަހޫދީއަށް ނުވަތަ މުނާފިގަށް ނުގޮވޭނެ ކަމަށް ވިދާޅުވެ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ރިޔާސަތުން އެންގެވުމާ ގުޅިގެން މައުރޫފް ވިދާޅުވީ ސީދާ ނަމުން ނުގޮވި ކަމުގައިވިޔަސް، ޔަހޫދީންގެ ހުރިހާ ސިފައެއް ރައީސް މުއިއްޒުގެ ކިބައިގައި ފުރިހަމަވާ ކަމަށެވެ. އަދި މި ސަބަބާ ހުރެ ދިވެހި ރައްޔިތުންގެ މެދުގައި އެމަނިކުފާނު ދައްކަވާ ވާހަކަތަކަށް އިތުބާރުކުރާ އެކަކުވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ ދިވެހިރާއްޖޭގެ ބޮޑު ބިމެއް ހުސްނުވާ 99 އަހަރަށް ބޭރުގެ ބަޔަކަށް ދޭން ނިންމާފައިވާ ނިންމުމާ ދެކޮޅަށް ދިވެހި ހުރިހާ ރައްޔިތުން ނުކުންނަންޖެހޭ ކަމަށެވެ.