English Edition
Dhivehi Edition
ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން

ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ހަރަކާތްތައް އަލުން ފެށުމުގައި އިސްނަގައި، ހަރުދަނާ ދައުރެއް އަދާކުރުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު ޝެހްބާޒް ޝަރީފާ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ބަޔާނުގައި ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ އިތުރުން ސަރަހައްދީ އަދި އިންޓަނޭޝަނަލް އެއްބާރުލުން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އދ. އާއި އޯއައިސީގެ އިތުރުން އެހެނިހެން މަލްޓިލެޓަރަލް ޕްލެޓްފޯމުތަކުގައި ވެސް ދެ ގައުމުން އިސްކަންދެނީ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސަރަހައްދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސާކްގެ ބޭނުންތެރިކަމާއި އެ ޖަމިއްޔާގެ ގާބިލުކަން ރާއްޖެއިން ގަބޫލުކުރާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ސާކް އުފެއްދުމުގައި ރާއްޖެއިން ބައިވެރިވި ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ނުވަ ވަރަކަށް އަހަރު އެ ޖަމިއްޔާ ހުއްޓިފައި އޮތުމަށްފަހު، އެންމެ އަވަސް ފުރުސަތެއްގައި ސާކް ސަމިޓް ބޭއްވުމުގެ މާހައުލު ގާއިމުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަން ރާއްޖެ އޮތީ ތައްޔާރަށެވެ.

“ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ފައިދާ ހާސިލުކުރުމަށްޓަކައި، އިތުބާރު އަލުން އާލާކުރުމާއި، މާނަހުރި މަޝްވަރާތަކަށް ބާރުއެޅުމާއި، އަދި އެކަކު އަނެކަކަށް ދޭހަވާ މިންވަރު އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަން،” ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ހިޔާލުތަފާތުވުންތައް އެއް މޭޒެއްގެ ދޮށުގައި މަޝްވަރާކޮށްގެން ހައްލުކުރުމުގެ މައްޗަށް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ސަރަހައްދުގެ އަމަންއަމާންކަމަށްޓަކައި ސާކް އަލުން ހިންގަން ފަށަންޖެހޭ ކަމަށެވެ. އަދި ސާކްގެ އެންމެ މަތީ ވެރިންގެ ބައްދަލުވުންތައް އަލުން ބޭއްވޭނެ މަގުފަހިކުރުމަށް ސާކްގެ ހުރިހާ މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަން ރާއްޖެ ތައްޔާރަށް އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.