English Edition
Dhivehi Edition
ރައީސް ޑރ މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުން ހިމެނޭހެން، އެކި ދާއިރާތަކުން މުހިންމު 20 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ސީދާ ވައިގެ ދަތުރުތައް ފެށުމުގެ އިތުރުން ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމާއި، މަތީ ތައުލީމާއި ދިރާސާ، އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. މީގެއިތުރުން މާލީ، ޓެކްނޮލޮޖީ، މަޖިލިސްތަކުގެ ގުޅުން، ޓޫރިޒަމް، މޫސުމަށް އަންނަ ބަދަލުތައް އަދި މީޑިއާގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގަތީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުން ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރޭ އެ ގައުމަށް ވަޑައިގަތުމާއެކު ރައީސްގެ ދެކަނބަލުންނަށް ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، މިއަދު ވަނީ ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު މުހައްމަދު ޝެހެބާޒް ޝަރީފްގެ ގެކޮޅުން ރަސްމީކޮށް މަރުހަބާ ދަންނަވާފައެވެ.

މާދަމާގެ ނިޔަލަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ 2015 ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީހީ ދަތުރުފުޅެއް ވެސް މެއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅުގައި، އެ ގައުމުގެ ޕްރައިމް މިނިސްޓަރު ޝެހެބާޒް ޝަރީފާއި ރައީސް އާސިފް އަލީ ޒަރުދާރީއާ ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ރަސްމީ ފެންވަރުގެ މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވެސް ވަނީ އެޖެންޑާ ކޮށްފައެވެ.