English Edition
Dhivehi Edition
ވިއްސާރަ ދުވަހެއް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މިއަދު ހެނދުނު 10:20 އިން ފެށިގެން ހަވީރު 16:20 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ، ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކުރެވޭތީ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އަދި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު މި ހަފުތާ ބަންދަށް ވެސް ދެމިގެންދާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ، މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ލަފާކުރެ އެވެ.