English Edition
Dhivehi Edition

އިއްޔެ ހެނދުނު ރާއްޖެއަށް އަލިވިލުނީ 13 އަހަރުގެ ކުޑަކުއްޖަކު ރަހީނުކުރުމަށްފަހު، ރަހުމެއް ނެތް ގޮތެއްގައި މަރާލާފައިވާކަމުގެ ބިރުވެރި އަދި ހިތާމަވެރި ހަބަރާއެކުގައެވެ. ބޮޑެތި ކުށްތައްކުރުން އާންމުވެ، އިޖްތިމާއީ ގޮތުން އެއްވެސް ރައްކާތެރިކަމެއް ނެތް މާލޭގައި ހިނގި މި ހާދިސާ އާއި ގުޅިގެން ގިނަ ބަޔަކަށް ބޮޑު ހައިރާންކަމަކާއި ބިރުވެރިކަމެއް ލިބިގެން ދިޔައެވެ، ދިވެހިންގެ އާންމު އުސޫލުން ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށް ކުއްޖާގެ ބެލެނެވެރިންނާއި، ސަރުކާރުގެ އިދާރާތަކުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކޮށް އިންސާފު ހޯދައިދިނުމަށް ގޮވާލިއެވެ. ކަމެއް ހިނގައިގެން އުޅޭ ވަގުތު ވަރަށް ފޯރި އާއި އެކު ޖަޒްބަތުގައި މި ވާހަކަ ދެއްކަމުން ދިޔަ މީހުން މިކަން ހަނދާންނެތެން ހަފްތާއެއްވެސް ނުނަގާނެކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޑުކިޔެއެވެ. އިސްލާމީ ޝަރީއަތް ގާއިމުކޮށް ގައުމު ހަމަމަގަށް ގެނައުމަށްވެސް ގިނަ ބަޔަކު ގޮވާލިއެވެ.

މަރުވިކުއްޖާ:

ރަހްމެތް ނެތް ގޮތެއްގައި މަރާލާފައި އޮއްވާ ފެނުނީ ދެކުނުގެ ރަށަކަށް އުފަން އުމުރުން 13 އަހަރުގެ ކުއްޖެކެވެ. މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ބައްޕަ އާއި މަންމަ އަކީ ގދ. މަޑަވެލި މީހުނެނެވެ. ނަމަވެސް އެކުއްޖާގެ މަންމަ ވަރަށް ކުޑައިރު މައިންބަފައިންނާ އެކު މާލެ ބަދަލުވި ގޮތަށް މާލެއިން ގޯތި ލިބި ދިރިއުޅެނީ މާލޭ ރަށްވެހިންގެ ގޮތުގައި މާލޭގަ އެވެ. އެ ކުއްޖާ މަރާލި އިރު އޭނާގެ މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅި ބައްޕަ ދިރިއުޅެނީ މަޑަވެލި މީހަކާ ކައިވެނި ކޮށްގެން އެރަށުގަ އެވެ.

މަރާލި ކުއްޖާއަކީ މާލޭގެ ސްކޫލެއްގައި ކިޔަވަމުން ދިޔަ ކުދިންނާއި ގުޅޭ، ސަކަ މިޖާޒެއް ދަރިވަރެކެވެ، ކުޅިވަރުގައި ފާހަގަކޮށްލެވޭ ކުއްޖެކެވެ. ހާއްސަކޮށް ކްރިކެޓަކީ އޭނާ ވަރަށް ގަޔާވާ ކުޅިވަރަކެވެ. ބޯޅަ އުކުމާއި، ބޯޅަ ހިފުމުގައި އޭނާއަށް ލިބިފައިވާ ހުނަރު ސްކޫލް މުދައްރިސުން ފާހަގަކުރެއެވެ. 2019 ވަނަ އަހަރުގެ އިންޓަރ ސްކޫލް މުބާރާތުން އޭނާގެ މޮޅު ހުނަރު ފެނިގެން ގޮސްފައިވެއެވެ. ގައުމީ ޓީމުގެ ޖޫނިޔާ ކްރިކެޓު ސްކޮޑުން އޭނާއަށް ޖާގަވެސް ލިބުނެވެ.

މަރުވިކުއްޖާ އެންމެ ފަހުން ސްކޫލަށް އައިސްފައި ވަނީ މި އަހަރުގެ މާޗު މަހު މާލެ ސްކޫލްތައް ބަންދު ކުރުމުގެ ކުރިންނެވެ. އޭގެ ކުރިން އޭނާ ބަރާބަރަށް ސްކޫލަށް ދާކަމަށް ޓީޗަރުންވަނީ ފާހަގަކޮށްފައެވެ. މަޑުމައިތިރި ހިތްހެޔޮ ކުއްޖެއްގެ ގޮތުގައި ޓީޗަރުން އެ ކުއްޖާ ސިފަކޮށްފައިވާއިރު އެއީ ކިޔެވުމުގައި މެދު ފަންތީގެ ދަރިވަރެކެވެ،

ރަހީނު ކުރުމަށް ފަހު މަރާލި އުމުރުން 13 އަހަރުގެ ކުއްޖާއަކީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދެމުން އައި ކުއްޖެއްކަމަށް ޖެންޑާ މިނިސްޓްރީންވަނީ ހާމަކޮށްފައެވެ. ޖެންޑާ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ފާތުމަތު ޔުމްނާ ވިދާޅުވީ، އެ ކުއްޖާގެ އާއިލާއަކީ، އެ މިނިސްޓްރީއާއެކު އެ ކުއްޖާއަށް ބޭނުންވާ އެހީތެެރިކަން ހޯދުމަށް ގާތުން މަސައްކަތް ކުރަމުންދިޔަ އާއިލާއެއް ކަމަށެވެ. އަދި އެ ކުއްޖާއަކީ ތައުލީމު އުގެނެމުންދާ، ކުއްޖާގެ މުދައްރިއްސުންގެ ފަރާތުންވެސް ކުއްޖާގެ ގާބިލްކަން ފާހަގަކުރެވިފައިވާ ކުއްޖެއްކަމަށް ޖެންޑާއިން ވަނީ ހާމަކޮށްފައެވެ.

ކުއްޖާ ރަހީނުކޮށް މަރާލުން:

ކިތަންމެ ކުޑަކަމެއްވިޔަސް އެކަމެއްގެ ވާހަކަތައް ސޯޝަލް މީޑިއާ އިން ފެންނަމުން އަންނަ މި ޒަމާނުގައި ކުއްޖާ މަރާލުމާއި ހަމައަށްވެސް، ކުއްޖަކު ރަހީނުކޮށްފައިވާކަމުގެ އެއްވެސް މައުލޫމާތެއް އާއިލާއިންވެސް އަދި ކަމާއި ބެހޭ އިދާރާއަކުންވެސް މީޑިއާގައި ހާމަކޮށްފައެއް ނެތެވެ. އެހެންނަމަވެސް އިއްޔެ ރޭ ދަންވަރު މަރާލާފައި އޮއްވާ ފެނުނު ކުއްޖާއަކީ ރަހީނު ކުރުމަށްފަހު މަރާލާފައިވާ ކުއްޖެއްކަމަށް ފުލުހުން ހާމަކުރުމުން ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ.

ފުލުހުން ބުނެފައިވަނީ ކުއްޖަކު ރަހީނުކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ހުށަހެޅިފައިވާ ކަމަށާއި އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުއްޖާ މަރާލާފައި އޮއްވާ އިއްޔެރޭ 2:38 ގައި ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ ބީޗު ސަރަހައްދުންކަމަށެވެ.

އެ ކުއްޖާ އެންމެ ފަހުން އާއިލާގެ މެމްބަރުންނަށް ފެނިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭގެ އެއް ދުވަސް ފަހުން، އާދިއްތަ ދުވަހު އެކުއްޖާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓުކުރުމާއެކު ފުލުހުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ފުލުހުން އެ ކުއްޖާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މޫދުންނެވެ. އެ ސަރަހައްދު ހޯދާ ބަލަމުންދަނިކޮށް ކުއްޖާ ފެނުނީ އެތަނުގެ އިރުއުތުރު ފަރާތުގެ މޫދުގައި ފޮއްޓަކަށް ލާފައި އޮއްވައެވެ.

ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އާންމުންގެ މީހަކު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ މައްސަލައެއް ރިޕޯޓްކުރުމުން، އެ ސަރަހައްދު ބަލައި ހޯދަމުން ދަނިކޮށް ފޮއްޓަކަށް ލާފައި އޮއްވައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ކުރުގަޅުވާލާފައި ބޮޑު ދަބަހަކަށްލާފައެވެ.

މިކަމާއި ގުޅިގެން ފުލުހުންނަށް ގިނަ ބަޔަކު އިނގިލި ދިއްކުރިއިރު ކާފިއު ހިންގާ ޗެކްޕޯސްޓްތަކުގައި ފުލުހުން ތިބިއިރު މިހާ ބޮޑު ކަމެއް ހިނގައި ދިޔައީ ކިހިނެތްތޯ ގިނަ ބަޔަކުވަނީ ސުވާލުކޮށްފައެވެ.

ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހުން

އެ މައްސަލަ އާއި ގުޅިގެން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި މި ދެމީހުން ހައްޔަރު ކޮށްފައިވަނީ ކުއްޖާ މަރާލި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމުގެ ތުހުމަތުގައެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ މާލޭ ގެސްޓްހައުސް އަކުންނެވެ. ފުލުހުން ވިދާޅުވީ، އެމީހުން ހައްޔަރު ކުރި ގެސްޓް ހައުސްގެ ކޮޓަރި ތެރެއިން ލޭ ފެނިފައިވާ ކަމަށެވެ.

އެކުއްޖާ މަރާލި ހާދިސާގެ ފަހުން އެ މީހުން ފިލާ ތިބީ މާލޭގެ އެކްސްޓާރާ ހޭވަން ގެސްޓްހައުސްގައެވެ. އެ ދެ މީހުން ގެސްޓްހައުސް އަށް ވަނީ އާދީއްތަ ދުވަހުގެ ރޭ 10:15 އިގައެވެ. މި ގެސްޓްހައުސް ހިންގާ ފަރާތުން ބުނީ ގެސްޓްހައުސްގެ ދެވަނަ ފްލޯގެ 202 ނަންބަރު ކޮޓަރިއަށް ފުލުހުން ވަނުމުގެ ކުރިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކެއްގެ ފޮޓޯ ދެއްކިކަމަށެވެ. އަދި އޭނަ އެތާގައި އުޅޭކަމުގެ މައުލޫމަތު ދިނުމުން ފުލުހުންނާއި އެކު ގޮސް އެ ކޮޓަރިއަށް ވަނުމަށް މަސައްކަތްކުރުމުންވެސް އެމީހުން ދޮރުނުހުޅުވިކަމަށެވެ. އިތުރަށް އޭނާ ބުނީ ކޮޓަރީގެ ދޮރު ނުހުޅުވުމުން ރިސެޕްޝަންގައި އޮތް ތަޅުދަނޑި ނަގައިގެން ރޫމް ހުޅުވަން މަސައްކަތްކުރިކަމަށާއި ނަމަވެސް ކޮޓަރި ދޮރު އެތެރެއިން ތަންޑު އަޅުވާފައި ހުރުމުން ނުހުޅުވުނުކަމަށެވެ.

އެކި ގޮތްގޮތަށް ދޮރު ހުޅުވާތޯ ފުލުހުން ބައިގަޑިއިރެއްހާ އިރު މަޑުކޮށްފައި ދޮރު ނުހުޅުވުމުން ކޮޓަރި ތެރެއަށް ވަނީ ދޮރު ވައްޓާލައިގެންނެވެ. ފުލުހުން ކޮޓަރި ތެރެއަށް ވަން ގޮތަށް ޕެޕާ ސްޕްރޭ ޖެހި އެވެ

ރަހީނު ކޮށްގެން ކުޑަކުއްޖަކު މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އުމުރުން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހައި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުންވަނީ ހުކުމްކޮށްފައެވެ.

ހައްޔަރު ކުރި ދެ މީހުންގެ ވެސް ކުށުގެ ރެކޯޑު އެބަ އޮތެވެ. މި ގޮތުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑާއި މަރާމާރީ ހިންގުމުގެ ކުށުގެ ރެކޯޑުގައި ވެސް ހިމެނެއެވެ. 27 އަހަރުގެ ފިރިހެން މީހާ ވަނީ ދާދި ފަހުން ތިން އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފައެވެ. މާރާމާރީގެ މައްސަލައެއްގައި އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމި ބަންދުން ދޫވިތާ ގާތްގަނޑަކަށް ހަތަރު މަސް ވެފައިވާކަމަށް މީޑިއާތަކުންވަނީ ރިޕޯޓްކޮށްފައެވެ.

ކުއްޖާ މަރުގެ ތުހުމަތުގައި ގެސްޓް ހައުސް އިން ފުލުހުން ހައްޔަރު ދެ މީހުންނަކީވެސް ކުއްޖާގެ އެކުވެރިންނެވެ.

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ

ލޯތްބާއި އަޅާލުމާ ރައްކާތެރިކަމާއެކު ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުޑަކުއްޖެއްގެ ފުރާނަ ގަސްތުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަންޖެހޭ ވަރު ކަމެއް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ. ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާ ގިނަ ގޮންޖެހުންތައް ނައްތާލުމަށްޓަކައި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތް މިހާރަށްވުރެ ބަދަހިވެ ވަރުގަދަވާން ޖެހޭކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް):

މި މައްސަލަ އާއި ގުޅިގެން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވަމުންދަނީ ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުނުކުރެވުމުން ކަމަށެވެ. އާކް އިން ވަނީ އެ މައްސަލަ އަވަހަށް އަދި ހާމަކަން ބޮޑުގޮތަކަށް ތަހުގީގުކުރުމަށްވެސް ގޮވާލާފަ އެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި، އެފަދަ ބޮޑެތި ކުށްތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން އަވަސްކުރަންޖެހޭ ކަމަށް އާކް އިން ވަނީ ބުނެފަ އެވެ

މަރާލުމަށްފަހު ފޮއްޓަކަށް ލައި އެއްލާލާފައި އޮއްވައި ހުޅުމާލެ އިން ފެނުނު ކުޑަ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ،