English Edition
Dhivehi Edition
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމް / ފޮޓޯ: ދަނޑުވެރިކަމާ ބެހޭ ވުޒާރާ

ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް މާލީ އަދި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މީދޫގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ގައުމީ ފެންވަރެއްގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދަނޑުވެރިކަމުގެ ސިނާއަތް އިންގިލާބީ ގޮތުން ކުރިއެރުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ 90 އިންސައްތައަށްވުރެ ބޮޑުބައި ބޭރުން އެތެރެކުރަމުންދާއިރު، ކޮންމެ އަހަރަކުވެސް މޭވާއާއި ތަރުކާރީ ހޯދުމަށް ބޮޑު ހަރަދެއް ހިނގާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 105 މިލިއަން ރުފިޔާގެ ކެބެޖާއި ލެޓިއުސް ވަނީ އެތެރެކޮށްފައިވާއިރު 73 މިލިއަން ރުފިޔާގެ ކަރާވެސް އެތެރެކޮށްފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިފަދަ ހަރަދުތައް ކުޑަކޮށް، ރާއްޖޭގައި ހެއްދޭ ބާވަތްތައް ރާއްޖެއިން އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ޒަމާނީ ވަސީލަތްތަކާ އެކު ދަނޑުވެރިކަން ފުޅާކޮށް، ދަނޑުވެރި ކޮމިއުނިޓީތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އަމާޒު ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.