ކެމްބޯޑިއާގައި ބޭއްވުނު ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ “އޭއައި ފޯ ކްލައިމެޓް އެކްޝަން ފޯރަމް 2026” ގައި ސީނިއަރ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރ ރާނިޔާ ސުއޫދު ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުމުގައި މޫސުމީ މައްސަލަތަކަށް ހައްލު ހޯދުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ފޯރަމްގެ ހަވާސާގައި ކުރިއަށްދިޔަ ހާއްސަ ޕެނަލް ޑިސްކަޝަނެއްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާއި އޭގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ މައްޗަށެވެ. މި ޕެނަލްގައި ރާނިޔާ ވަނީ މިފަދަ ނުރައްކާތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
އެގޮތުން އޭއައި ޓެކްނޮލޮޖީ ބޭނުންކުރާއިރު އިތުބާރު ހުރި އަދި ފަސޭހައިން ލިބެންހުންނަ މައުލޫމާތު ބޭނުންކުރުމަކީ ތިމާވެށި ހިމާޔަތްކުރުމަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރިއެވެ. މިފަދަ މައުލޫމާތުތައް ނެތި އޭއައި ބޭނުންކުރުމަކީ ތިމާވެއްޓަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބައްދަލުވުމުގައި އަލިއަޅުވާލިއެވެ.
މީގެ އިތުރުން ރާނިޔާ ފާހަގަކުރެއްވި ގޮތުގައި، އޭއައިގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އޭގެ ހެޔޮ ބޭނުން ހިފުމަށްޓަކައި ހަރުދަނާ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ހަމައެއާއެކު، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ތަރައްގީކުރާ އޭއައި ވަސީލަތްތަކަކީ މުޖުތަމައުގެ ބޭނުންތަކަށާއި ގައުމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ އިސްކަންދޭ ކަންކަމަށް ރިއާޔަތްކޮށް، އިންސާފުވެރި ބަދަލަކަށް މަގުފަހިކޮށްދޭ ވަސީލަތްތަކަކަށް ހެދުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.