English Edition
Dhivehi Edition
ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުންދާ ހއ. ދިއްދޫ ސްޕޯޓްސް ކްލަބާއި ގައްދޫ ރެކްރިއޭޝަން ކްލަބަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފުރިހަމަ މެންބަރުކަން ދީފިއެވެ.

މިއީ އެފްއޭއެމްގެ ތާރީހުގައި ވެސް އަތޮޅު މުބާރާތްތަކުން ފެށިގެން، ދިވެހި ޕްރީމިއާ ލީގަށް ޕްރޮމޯޓްވެގެން އައިސް އެ އެސޯސިއޭޝަންގެ ފުރިހަމަ މެންބަރުކަން ކްލަބްތަކަކުން ހޯދި ފުރަތަމަ ފަހަރެވެ.

މީރުމާ ހޮޓެލްގެ ކޮންފަރެންސް ރޫމްގައި ބޭއްވި އެފްއޭއެމްގެ އެކްސްޓާ އޯޑިނަރީ ކޮންގްރެސްގައި ނެގި ވޯޓުގައި، މި ދެ ކްލަބަށް މެންބަރުކަން ދިނުމަށް ފާސްކުރީ ހާޒިރުވި މެންބަރު ކްލަބްތަކުގެ އިއްތިފާގުންނެވެ. މީގެ ކުރިން ވެސް އަތޮޅު މުބާރާތްތަކުން ފެށިގެން އެކި ރަށްރަށުގެ ޓީމުތައް ލީގުގައި ވާދަކުރި ނަމަވެސް، އެއިން އެއްވެސް ޓީމަކަށް އެފްއޭއެމްގެ ކޮންގްރެސްގައި ބަސްބުނެ ވޯޓު ދިނުމުގެ ފުރުސަތެއް ލިބިފައެއް ނވެއެވެ. ނަމަވެސް މިހާރު މި ލިބުނު މެންބަރުކަމާއެކު، ކޮންގްރެސްގައި ވޯޓުދިނުމާއި އިންތިހާބުތަކުގައި ބައިވެރިވުމުގެ ފުރިހަމަ ހައްގު އެ ދެ ކްލަބަށް ވަނީ ލިބިގެންގޮސްފައެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން، ކްލަބަކަށް މެންބަރުކަން ދިނުމާއި، ސަސްޕެންޑްކުރުން ނުވަތަ ވަކިކުރުމުގެ ބާރު ލިބިގެންވަނީ ކޮންގްރެސްއަށެވެ. އަދި އެކްޒެކެޓިވް ކޮމިޓީން ޝަރުތުތައް ހަމަވާކަން ކަށަވަރުކުރުމަށްފަހު، މެންބަރުކަން ދިމާމެދު ގޮތެއް ނިންމަން ހުށަހަޅަނީ ކޮންގްރެސްއަށެވެ. މެންބަރު ކްލަބްތަކުން ފީފާ، އޭއެފްސީ، ސާފް އަދި އެފްއޭއެމްގެ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވާންޖެހޭއިރު، ވިދިވިދިގެން ދެ ސީޒަނުގައި އެފ୍އޭއެމްގެ ހަރަކާތްތަކުގައި ބައިވެރިނުވާ ކްލަބްތަކުގެ ވޯޓުދިނުމުގެ ހައްގު ސަސްޕެންޑް ކުރެވޭނެއެވެ.