English Edition
Dhivehi Edition

އޭޑީކޭގެ ތަޖްރިބާކާރު މުސްކުޅި ޑޮކްޓަރެއްކަމަށްވާ ޑޮކްޓަރ ރާޖަން ތަންކޮޅެއް ދުރުގައި ހުއްޓެވެ. ދެ ޑޮކްޓަރުން އެކަކު އަނެކެއްގެ މޫނަށް ބަލާލީ ދެމީހުނަށްވެސް އެއްކަމެއް ވިސްނޭ ފަދައަކުންނެވެ.

“އެންޓި އެޑްރީނަލް އިންޖެކްޝަނެއް ލިބިދާނެތޯ؟” ޒިޔާން ޑޮކްޓަރ ކުރެން އަހާލިއެވެ.

“ނޫން. ނުހުންނާނެ. ކްލޮނަޒެޕް ޓެބްސް ލިބިދާނެ.” ރާޖަންއަށް ޒިޔާން އެ ދޭން އުޅޭ ފަރުވާ އެނގެއެވެ. އެހެންނަމަވެސް އެއީ އެތަނުގައި ހުންނަ ބާވަތުގެ ބޭހަކަށް ނުވެއެވެ.

“އެލްޕްރޮޒޯލަމް؟”

” ޓެބްލެޓްސް އެބަހުރި. އިންޖެކްޝަން ރާއްޖެއަކުން ނުލިބޭނެ.”

“ދެއްވާ.”

ޑޮކްޓަރ ޒިޔާން އެ ބޭސްގުޅަތައް ހިފައިގެން ވަނީ ލެބޯޓަރީއަށެވެ. އަދި ތަފާތު އެކި ކެމިކަލްތައް އެއްކޮށްގެން އޭނާ ތައްޔާރު ކުރި ދިޔަވަރަކުން ސިރިންޖެއް ފުރާލައިގެން އަތުވެއްޖެއެވެ. އޭރު ރީމާ ތެޅިފޮޅެނީއެވެ. ރާޖަންއަށް އޭނާގެ އަތުގެ ނުފުށުގައި އިންޖެކްޝަން ޑެވައިސް ހަރުކޮށްލެވުނީ ވަރަށް އުނދަގުލުންނެވެ. ޒިޔާން ގެނައި އިންޖެކްޝަންދިނުމަށް އައިވީއެއް ގުޅާލެވުނެވެ. އަދި އިންޖެކްޝަން ގުޅާލުމަށްފަހު ފަރުވާތެރިކަމާއެކު އޭނާގެ ޕަލްސް މޮނިޓަރ ކުރަން ފަށައިފިއެވެ.

ރީމާ މަޑުމަޑުން މައިތިރިވަމުންގޮސް ނިދޭގޮތް ވާންފެށުމުން ޒިޔާން އެ އިންޖެކްޝަން ނައްޓާލިއެވެ. އަދި އެނދުގެ ރެއިލިންގއާއެކު އައިވީ ގުޅާފައިވާ އަތް ބަނދެލިއެވެ.

“އެންޓި ހިސްޓަމައިން … ” މިހެން ބުނެ ނުނިމެނީސް ޑޮކްޓަރ ރާޖަން ޒެޑިޓަލް އިންޖެކްޝަނެއް ދިއްކޮށްލިއެވެ. އެއާ އެކު ދެ ޑޮކްޓަރުން އެކަކު އަނެކަކަށް ބަލާފަ ހިނިތުންވެއްޖެއެވެ.

“އަހަރެން މި ހީކުރާ ކަންތަކަށް ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.” ޒިޔާން ބުނެލިއެވެ.”ތިއީ ޒިޔާންގެ ފީލްޑް އިނގޭތޯ. އަޅުގަނޑުގެ ތިޔަކަމުގެ ތަޖްރިބާއެއްނެތް.” ރާޖަން ހިނިތުންވެލުމުން އޭނާގެ ދުވަސްވީ ތަޖްރިބާކާރު މޫނު ރޫބޮޑިއަކަށްވިއެވެ.

“ޕަލްސް މޮނިޓަރ ގުޅާލަ ދެއްވާ”

ޒިޔާން މިހެން ބުނެފައި ޓީރޫމަށް ވަދެ ކޮފީތަށްޓެއް ހަދާލައިގެން އައިސް ލައުންޖްގައި ޖައްސާލުމަށްފަހު އޭނާގެ ދަބަހުން ނެގި ލެޕްޓޮޕަކުން އިންޓަނެޓަށް ވަދެފިއެވެ.

ރީމާ ލޯހުޅުވާލިއިރު ވަށައިގެން ފެތުރިފައި ވަނީ ހަމަހިމޭންކަމެވެ. ދިއްލާފައިވާ ފެހިކުލައިގެ ފަނޑުއަލީގެ ތެރޭގައި އޭނާ މިވަނީ މުޅީން އެކަންޏެވެ. އޭނާއަށް އެ އޮވެވުނީ ހޮސްޕިޓަލްގެ ވޯޑެއްކަން އެނާގެ ޚިޔާލަށް އައީ އިރުކޮޅެއްގެ ފަހުންނެވެ. އޭރުވެސް އަތުގައިވަނީ އައިވީ ގުޅާފައެވެ. މީގެ ކުރީގައިވެސް ރީމާ ބަލިވެފައިވެއެވެ. އެހެންނަމަވެސް މިހެން އެޑްމިޓްކޮށް އައިވީ ގުޅާފައެއް ނުވެއެވެ. ރީމާބަލާލީ މީހަކަށް ގޮވާލެވޭނެގޮތެއްވޭތޯއެވެ. ކޮންމެ ހޮސްޕިޓަލެއްގެ ވޯޑެއްގައިވެސް ކޮންމެވެސް ކަހަލަ ރަގަބީލެއް ހުންނާނެ ކަން އޭނާއަށް އެގެއެވެ. އެތަނުގައިވެސް ބެލްއެއް ހުއްޓެވެ. އޭނާ ބެލްއަށް ފިއްތާލަން އަތްނަގަން އުޅެ އަތްނުނެގުނީމާ ރަގަޅަށް ބަލާލިއިރު އޭނާގެއަތްވަނީ އެނދާއެކު ފޮތިކޮޅަކުން އައްސާލައިފައިކަން އެނގުނެވެ. އޭނާގެ އަނެއްއަތް ބެލްއަކަށް ނުފޯރިއެވެ. އެވަގުތު އޭނާހާސްވެކަންބޮޑުވާގޮތްވިއެވެ. ދޮރުހުޅުވާލާފައި މީހަކު ވަންނަތަން ފެނުމުން އެނާހަމަހިމޭނުން އޮތެވެ. ރީމާއަށް އޭނާވަނީ ކުރީން ފެނިފައިކަމުން އެއީއެތަނުން ޑޮކްޓަރކަން އެނގުނެވެ. ޑޮކްޓަރ މަޑުމަޑުންއައިސް އޭނާގެ އައިވީ ޗެކްކުރުމަށްފަހު ޕަލްސްބަލާލިއެވެ. އަދިރީމާ އޮތީ ހޭލާކަން އޭނާއަށް އެނގުމުން ބުންޏެވެ.

“ދެން ކަންބޮޑު ނުވޭ. މިހާރު ހުރިހާކަމެއްވެސް ރަނގަޅު”

“ޑޮކްޓަރ ޒިޔާންއާ ގުޅާލުވިދާނެތޯ؟” ރީމާއަހާލިއެވެ

“ޒިޔާން މިވަގުތު އަރާމު ކޮށްލައްވަނީ” ޑޮކްޓަރ ބުންޏެވެ.” މިއޮތްހާއިރު ކަލޭގެ ހާލު ބައްލަވަން ހުންނަވާފަ ދުރުވީ ދެންމެއަކު.”

“އަޅުގަނޑު މިތަނުގައި އެޑޮމިޓް ކޮށްފަ މިވަނީ ޒިޔާން މާ ކަންތައް ބޮޑުކޮށްގެންތޯ.” އެކަހަލަ ހަލަބޮލިތަނެއްގައި ކުޑަކޮށް އަނބުރައިގަންނަ ގޮތްވިޔަސް މިހެން އެޑްމިޓް ކުރާކަށް ނުޖެހޭނެޔޭ އޭނާގެ ހިތަށް އެރިއެވެ.

“ރީމާއަށް އިރާކޮޅު ޑޮކްޓަރ ދިން ބޭސް ނުކެއީ ކީއްވެތަ؟” ޑޮކްޓަރ ޔަގީންކަމާއެކު ސުވާލުކުރިއެވެ. “މިއަދު ސޮސެޖާއި ޕައިނަޕް ކެއީމެއްނު.”

” އެއަކީ އަޅުގަނޑު އެލަރޖީވާ އެއްޗެއް ނޫން.” ރީމާ އޭނާގެ ދިފާއުގައި ބުނެލިއެވެ. “ޑޮކްޓަރުންނަށް މީހަކު ބޮލެއްގައި ރިއްސާލިޔަސް އެކަންވާނީ ބޮޑު ކަމަކަށް. އެމީހުން ދެކޭނީ އެއީ ބަލި މީހެއްގެ ގޮތުގަ. އެމީހުން ދޭނެ ކޮންމެވެސް ކަހަލަ ބޭހެއް. އަޅުގަނޑު މީ އެހާ ބޭސް ކާހިތްވާ މީހެއް ނޫން.”

“ޒިޔާން އެންގެވި ގޮތަށް އެ ބޭސް ކެއިނަމަ މިހާވަރު ނުވީސް.” ޑޮކްޓަރ ޔަގީންކަމާއެކު ބުންޏެވެ.” ބައެއްފަހަރު މިކަހަލަ ރިއެކްޝަނެއް އަތުވެދާނެ އެހެން މަސްއަލައަކާ ގުޅިގެންވެސް. “އެކަންތައް ޒިޔާން ކަހަލަ މޮޅު ޑޮކްޓަރ އަކަށް ނޫނީ އެހާ ފަސޭހައިން ޑައިގްނޯސް އެއް ނުކުރެވޭނެ.

” އަޅުގަނޑު މިތާ އޮންނަން ޖެހޭނީ ކިހާއިރެއްވަންދެންތޯ؟” ރީމާ ބޭނުންވީ އަވަހަށް ކޮޓަރިއަށް ދިއުމަށެވެ.

“ތިޔަކަން އެނގިލައްވާނީ ޒިޔާންއަށް.”

މިހާ ތަޖްރިބާކާރު މުސްކުޅި ޑޮކްޓަރަކު މިހާވަރަށް ޒިޔާން ބުނާހާގޮތެއް އެހަދަނީ ކީއްވެބާއެވެ. ޒިޔާން ދުނިޔެއަށް އަންނާނީވެސް މިޑޮކްޓަރ މިގޮތަށް މީހުންނަށް ފަރުވާދީދީ އުޅެނިކޮށްނޫންބާވައޭ ރީމާގެ ހިތަށްއެރިއެވެ.

“އަޅުގަނޑަށް ފޯނެއް ކޮށްލެވިދާނެތޯ.” މި ބުނީ މި ރިސޯޓްގެ އެކްސްޗޭންޖުން.

“އާން. ތިޔަ ކަންތައް ކޮށްދެވިދާނެ”

ޑޮކްޓަރ އެތާނގެ ފޯން ގެނަސްދިނެވެ.

” އަޅުގަނޑުގެ އަތް މޮހާލެވޭނީވެސް ޑޮކްޓަރ ޒިޔާންގެ ހުއްދައެއް އޮވެގެންތޯ؟”

ޑޮކްޓަރ ހީނލާފައި ރީމާގެ އަތްވެސް މޮހާލަ ދީފިއެވެ.

“ސާޖިދުގެ ކޮޓަރިއާ ގުޅާލެވިދާނެތޯ.” ޑޮކްޓަރ އެތަނުން ދިއުމުން ރީމާ އެކްސްޗޭންޖަށް ގުޅާލިއެވެ. “މިއީ ރީމާ. އޭނާގެ….. “

” ހެލޯ. ތިއީ ސާޖިދުގެ ކޮޓަރިތޯ.” ރީމާއަށް އަންހެން އަޑެއް އިވުމުން އަހާލިއެވެ.” ސާޖިދު ކޮބައިތޯ.”

” ތީކާކުތަ.”

“މިއީ ރީމާ . ތީ ކޮން ކުއްޖެއް؟”

“މީ ސާޖިދުގެ … ގާރލް…”

“އެކަމަކު ސާޖިދުގެ ގާރލްއެއް ހުންނަކަމަކަށް ނުބުނޭ”

“ތީ އަލަށް ދިމާވި މީހެއްވީމަ އަދި ނުބުނެ އޮތީކަންނޭނގެ”

“ތިހެންވިއްޔާ އެންމެ ރަނގަޅު. ޝުކުރިއްޔާ.”

ޑޮކްޓަރ ޒިޔާން އަންނަތަން ފެނުމާއެކު ރީމާ ފޯން ބޭއްވިއެވެ.

“އަޅުނގަޑު އޮޕަރޭޝަން ތިއޭޓަރަށް ގެންދަވަނީ ކޮން އިރަކުތަ؟.” ރީމާ އެވަގުތު ހުރީ ސަމާސާ ކުރާ މޫޑްގައެވެ. މި ދިމާވި ކަންތައް ހަނދާނުން ފިލުވާލުމަކީ އޭނާގެ މަގުސަދެވެ.

“މިހާރު ދެން ރީމާ ކޮޓަރިއަށް ދިޔަޔަސް އެންމެ ރަނގަޅު.” ޑޮކްޓަރގެ އަސްލު ހަރުކަށި ގޮތުގައި ބުނެލިއެވެ. “އަލުން މި މަސްއަލަ ދިމާވެއްޖެއްޔާ ލަސްނުކޮށް އަހަންނަށް އަންގާތި. މިއަދު ހެދިހެން ބޭސް ނުކައި ހުރެގެންނުވާނެ.”

“އަޅުގަނޑު މީ އެހާ ބަލި މީހެއްތޯ” ރީމާ ނުރުހުންވެފައި ބުންޏެވެ. ” ޒިޔާން އަޅުގަނޑާމެދު ތިޔަހާ ހަރުކަށިވަނީ ކީއްވެތޯ.”

“އަހަރެންނަކަށް އަދި ރީމާގެ މަސްއަލައެއް ނުފެނޭ.” ޒިޔާން ފުން ނޭވާއެއް ލާފައި ބުނެލިއެވެ. ” އަހަރެން ކަންބޮޑުވަނީ މަސްއަލައެއް ނެތީމަ”

“ތިޔަ ބުނީ ޒިޔާން ބޭނުންވަނީ އަހަރެންގެ ސީރިއަސް ބައްޔެއް ހުރުން ތޯ.”

“އަހަރެން ބޭނުން އިތުރު ޓެސްޓް ހަދަން.” ރީމާ އެ ބުނި އެއްޗަކަށް ޒިޔާން ޖަވާބެއް ނުދިނެވެ. ޒިޔާން އޭނާގެ އަތުގައި ގުޅާފައި ހުރި އައިވީ ކަށި ނައްޓާ މަލަން އަޅާދިނެވެ.

” ބޭރުގައި ބަސް އޮންނާނެ. ތައްޔާރުވެގެން ކޮޓަރިއަށްދޭ. ގޮސް ރަނގަޅަށް ނިދާލާ. ހެނދުނުވާއިރު މުޅިން ރަނގަޅުވެދާނެ.”

ރީމާ ކުރަން ބޭނުން ސުވާލު ހުށްޓެވެ. އެހެންނަމަވެސް ޒިޔާން ހުރީ މީގެ ގަޑިތަކެއްގެ ކުރީގައި ހުރި ކަހަލަ މަޖާ މޫޑެއްގައި ނޫންކަން އެނގުމުން އޭނާ އިތުރު އެއްޗެއް ނުބުނެއެވެ. އޭނާވެސް ބޭނުމީ ކޮޓަރިއަށް ގޮސް އަވަހަށް ނިދާލުމަށެވެ.

ފޯން އައި އިރު ވެސް ސާޖިދުއާއި ޒިލްމާ ތިބީ ހަމަ އެ ގޮނޑީގައެވެ.

ބޭހިޙްތިޔާރުގައި އޭނާއަށް ތެދުވެވެން އުޅުނެވެ. އެއީ ރީމާކަމަށް ވެދާނެތީއެވެ. އެހެންނަމަވެސް ރީމާއޭނާއަށް ގުޅާފާނެބާއެވެ. ގުޅިޔަކަސް އަޑުއަހާނެ އިތުރުވާހަކައެއް މިހާރަކުނެތެވެ. ހުރިހާކަމެއްވެސް ފެނުނީއޭނާގެ ދެލޮލުންނެވެ. ރީމާގެ ނަންއިވުނަސް މިހާރުވަނީފޫއްސެވެ. ދާދިފަހަކާ ޖެހެންދެން އޭނާގެ ހިތުގައި ރީމާއަށްޓަކައި އުފެދިފައިވ އެވަރުގަދަ ލޯބިދިޔައީ ކޮންތާކަށް ބާއޭ އޭނާގެ ހިތަށް އެރިއެވެ. އެކަންތައް ހިތަށްއެރިޔަސް ހިތްފުރިގެންދަނީ ނަފްރަތުންނެވެ. އެކަހަލަބޭވަފާތެރިއަކުދެކެ އެހާވަރަށް ލޯބިވެވުނީތީވެސް އޭނާގެއަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. ރީމާކީއްކުރަންހެއްޔެވެ. އެކަހަލަ އަންހެނުންގެ ސިފަދެކެވެސް އޭނައަށް މިހާރު އެބަ ރުޅިއާދެވެއެވެ. ބަދަލުހިފުމުގެ އަލިފާނުން އޭނާގެ ހިތުގައިވަނީ ހުޅު ރޯވެފައެވެ. އެހެންކަމުން ޒިލްމާ ފޯނުން ދިން ޖަވާބާ މެދު އޭނާ ވަނީ ހިތްހަމަ ޖެހިފައެވެ.

ސާޖިދުގެ ބޮލުގެ އިސްތަށިގަނޑުގައި ފިނިފިނި އަތަކުން އެވަގުތު ފިރުމާލަދިނީ ޒިލްމާއެވެ.

“ސާޖިދު އަދިވެސް މިކަހަލަ ކަންކަމުގެ ތަޖްރިބާ މަދޭ” ޒިލްމާ އޭނާގެ ވައްޓާލާފައިވާ އިސްތަށިގަނޑުން ސާޖިދުގެ މޫނުގައި ބީހޭހާ ކާއިރިވެލާފައި ބުންޏެވެ.

“މިއަދާއި މިރޭ އެފެނުނު ހުރިހާކަމެއް ފެނުމުގެ ފަހުންވެސް ސާޖިދު އަދިވެސް ރީމާއަށް އިންތިޒާރު ކުރަނީތަ؟”

ސާޖިދު އޭގެ ޖަވާބުދޭކަށް ބޭނުމެއް ނުވިއެވެ. މިވަގުތު އޭނާއަށް ބޭނުންވަނީ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުމަށެވެ. ރޯވެފައިވާ ނަފްރަތުގެ ހުޅުގަނޑު ނިއްވާލުމަށެވެ. ބަދަލް ހިފުމުގެ ޖޯޝުން އޭނާގެ ހިތުގެ ހިނގުން އަވަސްވެގަތެވެ.

މިރޮނގުގައި އެތަކެއް ތަޖްރިބާއެއް ހާސިލްކޮށް ފައިވާ ޒިލްމާއަށް އޭނާބަލަބަލާހުރި ރަނުގެ ފުރުސަތު އަތުވެއްޖެކަން އެނގޭކަށް ލަހެއްނުވިއެވެ.

ސަންއައިލެންޑަށް އެދުވަހުގެ ހެނދުނަކު އިރެއް ނޭރިއެވެ. އިރުމަތީން އުފުލެމުން އައިބޯވިލާގަނޑެއް އިރުއަރާ ދިމާގައި ހުއްޓި އަރަން އައި އިރު ނިވާކޮށްލިއެވެ.

ރީމާއަށް ހޭލެވުނީ 8 ޖެހިފަހުންނެވެ. ފޯންކޯލެއް އައުމުންނެވެ. އޭނާ އަވަސްވެގަތީ އެފޯން ނަގާފައި ރޭގައި ކަންތައް ހިނގިގޮތް ސިރާޖަށް ކިޔާދިނުމަށެވެ. “ހެލޯ. ރޭގަ ގުޅާލިއިރު ދިމާފޮނިއިންވީ ގާރލްފްރެންޑްއާ …. “

“މިއީ ރިސެޕްޝަނުން އިނގޭތޯ . ހެނދުނު ފުރުއްވުމަށް ހަމަޖެހިފައި އޮތްކަމަށް އަޅުގަނޑުމެންނަށް އެނގިފައިވަނީ. މިހާރުފުރާގަޑި ތަންކޮޅެއް ލަސްވީމާ އެވާހަކަ ނަންގަނެލަން މިގުޅާލީ.” .

ވަރަށް މަޑުމައިތިރިކަމާއެކު ރިސެޕްޝަނުން ބުންޏެވެ. “މިހާރު ފުރާގަޑިއަކީ 9:30 ކުޑައިރުކޮޅަކުން ބަލާ ބަސް އެބަފޮނުވަން. މިހެންބުނެފައި އިތުރުޖަވާބަކަށް އިންތިޒާރު ނުކޮށް ފޯންކަނޑާލިއެވެ.

އަވަހަށް ފުރަންވީ. ރީމާ ފޯންބާއްވަމުން ހިތާހިތާބުނެލިއެވެ. ދަތުރުމަތީގައި ސާޖިދާ ދިމާވާނެއެވެ. އެކަމަކު މިފަހަރު ގާރލްފްރެންޑް ހުންނާނެތާއޭ. އެހެންކަމުން އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ފެތުރިގެން ދިޔައެވެ. އޭނާ އަވަހަށް ފެންވަރަން ދިޔައެވެ.

ރީމާއަށް އޭނާގެ މުޅިގައިގައި ނަގާފައިހުރި ފިއްގަޑުތައް ފެނުމުން ކަންބޮޑުވިއެވެ. ޑޮކްޓަރ ޒިޔާންއަށް ފެނިއްޖެނަމަ އަނެއްކާވެސް ކަންތައް މާ ބޮޑު ކޮށްފާނެއެވެ. އެހެންކަމުން އޭނާ އަވަހަށް ތައްޔާރުވެލިއެވެ.

-ނުނިމޭ-