ރާއްޖޭގައި އެމްބިއުލާންސަށް ހާއްސަ ވަކި މުވައްސަސާއެއް އޮންނަން ޖެހޭކަމަށާއި، އެކަމަށް ހާއްސަ މުވައްސަސާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ހެލްތް މިނިސްޓްރީން އެކަނި މިކަން ނުކުރެވޭނެ ކަމަށެވެ. އަދި އެމްބިއުލާންސަށް ހާއްސަ ވަކި މުވައްސަސާއެއް އޮންނަން ޖެހޭ ކަމށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ނަސީމް ވިދާޅުވީ އެމްބިއުލާންސް ދުއްވައި ބެލެހެއްޓުމަކީ އެ މިނިސްޓްރީން ކުރަންޖެހޭ ކަމެއް ވެސް ނޫންކަމަށާއި އެކަމަށް އުފައްދަންޖެހޭނީ މިނިވަން އިދާރާއެއް ކަމަށެވެ.
އިތުރަށް މިނިސްޓަރު ނަސީމް ވިދާޅުވީ އެމްބިއުލާންސަށް ހާއްސަ މުއައްސަސާއެއް އުފެއްދުމަށް ފިނޭންސް މިނިސްޓްރީގެ އިސްވެރިންނާ އެކު މިއަދު މަޝްވަރާކޮށްފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް މިހާރު ވަނީ އިމާޖެންސީ މެޑިކަލް ސަރވިސްއެއް ތައާރަފްކޮށްފައެވެ.