English Edition
Dhivehi Edition
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ފޮޓޯ: ސިވިލް ސާވިސް ކޮމިޝަން

ދިވެހި ކޮންމެ ފަރުދަކަށް ވެސް އެމީހާ ދިރިއުޅޭ ތަނެއްގައި އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު އެކަށީގެންވާ ފެންވަރު ރަނގަޅު ސިއްހީ ފަރުވާ އާއި ސިއްހީ ހިދުމަތްތަކާ ސިއްހީ ރައްކާތެރިކަމާއި މާލީ އަދި ޖިސްމާނީ ގޮންޖެހުންތަކަކާ ނުލައި ލިބޭކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމުގައި ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ

“އަހަރެންގެ ސިއްހަތު – އަހަރެންގެ ހައްގު” ގެ ދަށުން މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ސަލާމަތް ސިއްހަތެއްގައި ހުރުމުގެ ހައްގު ބައިނަލްއަގްވާމީ އެއްބަސްވުންތަކުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެގޮތަށް އަމަލުތައް ބައްޓަން ކުރަން ޖެހިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ އަމިއްލަ ދިރިއުޅުމާއި އާއިލީ ދިރިއުޅުމުގައި ވެސް ސިއްހަތަށް ސަމާލުކަން ދިނުމާއި ކެއުންބުއިމާއިި އުޅުންތަކާ ގުޅުންތަކުގެ ތެރެއިން ސިއްހަތުގެ ހައްގު ކަށަވަރުކުރުމަށް އެދިވަޑައިގެންފައެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ރައީސްގެ ސިޔާސަތުގެ ތެރެއިން ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެންނަން ފަށާފައިވާ ކަމަށެވެ. މިގޮތުން ކުރިން ތަކުރާރުކޮށް އިހުމާލުވެފައިވާ ކަންކަމާއި ކުރީގެ ބައެއް ދެކޮޅުނުޖެހޭ ސިޔާސަތުތައް މުރާޖައާކޮށް ދެމެހެއްޓެނިވި ގޮތަށް ކަންކަން ބަދަލުކުރަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ 10 އަތޮޅެއްގައި މިއަހަރު އަދި 2 އަހަރު ދުވަހު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޕްރައިމަރީ ހެލްތު ކެއާ ގެ އުސޫލަށް ހިދުމަތްތައް ބައްޓަންކުރުމާއި ދުރާލާ ބަލިން ރައްކާތެރިވުމަށް “ޕްރިވެންޓިވް ހެލްތު ކެއާ” ޕްރޮގްރާމެއް ފެށުމާ، މެޑިކަލް ޗެކަޕް ތައާރަފު ކުރުމާއި އާސަންދައިގެ ނިޒާމަށް ހެޔޮ ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ

މީގެ އިތުރުން މިނިސްޓަރުގެ ހިތާބުގައިވަނީ ހައްދުފަހަނަޅާފައިވާ އިޒްރޭލުން ހިންގާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށްފައެވެ. މި ގޮތުން މިނިސްޓަރު ވިދާޅުވީ އިޒްރޭލުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ކުށެއްނެތް ލޮބުވެތި ރައްޔިތުންގެ ސިއްހަތާއި ފުރާނަ އިހާނެތި ގޮތުގައި ނިގުޅައިގަނެފައިވާ ކަމަށާ އެ ހިތާމައިގައި ބައިވެރިވާކަމުގައެވެ.