English Edition
Dhivehi Edition
އެއާ އެންބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭން

ރައީސް މުއިއްޒުގެ ވައުދުގެ ދަށުން ތައާރަފް ކޮށްފައިވާ އެއާ އެންބިއުލާންސްގެ ފުރަތަމަ ދަތުރު ދ. ކުޑަހުވަހުވަދޫއަށް ކޮށްފިއެވެ.

އެރަށަށް ގޮސްފައިވަނީ މޯލްޑިވިއަން ސީޕްލޭން އެންބިއުލާންސްއެވެ. އެމީހާ އުފުލާފައިވަނީ ދ އަތޮޅުން މާލެއަށެވެ.

އެއާ އެންބިއުލާންސްގެ ގޮތުގައި ސީ ޕްލޭން ބޭނުންކުރަން ފެށިތާ މިއަދަށް މިވަނީ ފަސް ދުވަސް ވެފައެވެ.

މިސަރުކާރުން ސިއްހީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްޓަކާ އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެ ހިދުމަތް ފެށުމަށް ފުރަތަމަ ބޭނުންކުރަން ފެށީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެކެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި އެއްގަމަށް ޖައްސާ މަތިންދާބޯޓެއްގެ އިތުރަށް ސީ-ޕްލޭނެއް ބޭނުންކުރަން ނިންމާފައިވާކަން އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމުގެ ކުރިންވެސް ސަރުކާރުންވަނީ އިއުލާނުކޮށްފައެވެ. ސީ-ޕްލޭނުގެ ބޭނުމަކީ އެއާޕޯޓެއް ނެތް ރަށްރަށާއި އެއާޕޯޓުތަކާ ދުރު ރަށްތަކުން ބަލިމީހުން އުފުލުންކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ސީ-ޕްލޭނާއި ޑޭޝް މަތިންދާބޯޓުގައިވެސް ބަލިމީހުންނަށް ކުއްލި ފަރުވާ ދިނުމަށް ބޭނުންވާ ހުރިހާ އާލާތްތަކެއް ހަރުކޮށްފައި ހުންނާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ އުޅަނދުތައް ބޭނުންކުރަން ފެށުމުން ބަލިމީހުން އުފުލުމުގައި މިހާރު ކުރިމަތިވާ ދަތިތައް ހައްލުކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ.

އަލަށް ފެށޭ އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ޓްރެއިންކުރެވިފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމެއް ހަރަކާތްތެރިވާނެއެވެ. އެޓީމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ޓެކްނީޝަނުން ހަރަކާތްތެރިވާނެއެވެ.

އެއާ އެމްބިއުލާންސް ތައާރަފުކޮށް ސިއްހީ ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމުގެ ޚިދުމަތް ފަށައިގަތުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.