English Edition
Dhivehi Edition
މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ޚަލީލް

ތެލެސީމިއާ ބަލި ކޮންޓްރޯލްކުރުމަކީ މިސަރުކާރުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަހާ ގުޅިގެން ޞިއްޙީ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ތެލަސީމިއާ ބަލި ހުންނަ ކޮންމެ މީހަކަށް ހަމަހަމަ އުސޫލުން ފަރުވާދިނުމަކީ ސަރުކާރުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން، ތެލަސީމިއާއިން މުޖުތަމައު ރައްކާތެރިކޮށް، ބަލި ޖެހިފައިވާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ދައުލަތުން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ބޮޑު އަމާޒަށް ވާސިލްވުމަށްޓަކާ، ތެލެސީމިއާ ހޮސްޕިޓަލްއެއް ގާއިމުކުރުމަށް ހުޅުމާލެ ދެ ވަނަ ފިޔަވަހިން 71،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ދިމާވާ ދަތިތައް ކުޑަކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްޕުޅު ކުރައްވާކަން ޞިއްޙީ ވަޒީރު ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަން ބްލަޑް ސާރވިސްގެ 2023ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން، ރާއްޖޭގައި މިވަގުތު ތެލެސީމިއާގެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 941 ފަރާތް ވަނީ ރަޖިސްޓްރީކޮށްފައެވެ. އޭގެ ތެރެއިން 762 މީހުން ތިބީ ‘ބީޓާ ތެލެސީމިއާ މޭޖަރ’ ގެ ބާވަތުގެ ތެލެސީމިއާ ޖެހިފައެވެ.

ތެލެސީމިއާއަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ލޭގެ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ހުންނަ ފަރާތްތަކަށް ޞިއްޙީ ފަރުވާ ދިނުމުގެ އިތުރުން، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އިސްކަންދީ މަސައްކަތް ކުރައްވާ ކަމަށް ޞިއްޙީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ތެލެސީމިއާ ހުންނަ ކުދިން އުފަންވާ މިންވަރު މަދުކުރުމަށް ސްކޫލްތަކުގެ ދަރިވަރުން ސްކްރީން ކުރުމުގެ ޕްރޮގުރާމެއްވެސް ފެބްރުއަރީ މަހު ވަނީ ފަށާފައެވެ.