English Edition
Dhivehi Edition

ނޭގެންޏާ އިސްތިއުފާދެއްވުން މާ ރަނގަޅުކަމަށް ވިދާޅުވެ، މިހާރު މަގާމުން އެކަހެރި ކުރައްވާފައިވާ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް، އޭސީސީގެ ރައީސް އައިޝަތު ޝިއުނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަހުލޫފުގެ މައްޗަށް ދައުވާކުރަން ފޮނުވިކަން ހާމަކޮށް މީގެ ކުރިން އޭސީސީ އިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހުލޫފު ހުންނެވި އިރު އޭރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލަށް ވޯޓު ދިނުމަށް، 33،000 އެމެރިކާ ޑޮލަރު މަހުލޫފަށް ދީފައިވާކަން ތަހުގީގަށް ހާމަވާ ކަމަށެވެ. އޭސީސީ އިން ބުނެފައިވަނީ އެސްއީޒީ ބިލު ފާސްކުރުމަށް ވޯޓު ދިނުމަށް 27 އޮގަސްޓު 2014 ގައި މަހުލޫފު މަޖިލީހަށް ހާޒިރުވެފައިވަނީ މެލޭޝިއާއިން ސީދާ ވޯޓަށް ކަމަށާއި އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަންވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީ އިން ޕީޖީއަށް ފޮނުވާފައިވާއިރު އެ މައްސަލައިގައި ފުރިހަމަ ނުވާކަންކަން ފުރިހަމަ ކުރަން ޕީޖީ އޮފީހުންވަނީ ދެ ފަހަރެއްގެ މަތިން އޭސީސީގައި އެދިފައެވެ.

މަހްލޫފްގެ މައްސަލައިގައި އޭސީސީ އިން އަމަލުކުރަމުންދާ ގޮތާއި މެދު ހިތްހަަމަނުޖެހުން ފާޅުކޮށް މިއަދު އޭނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެކަމަށެވެ. “ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ. އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން. ކަންކުރަން ނޭގެންޔާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ.” މަހްލޫފުގެ ޓުވިޓްގައި ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން މީގެ ކުރިންވެސް މަހްލޫފު ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބިފައި ނުވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަަރަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއްކަމަށް ބުނެ އެސްއޯއެެފްގެ ނަމުގައި ތަައްޔާރުކޮށްފައިވާ “ޕޭމެންޓް ރިސީވްޑް” ސްލިޕެއް މަހުލޫފު އޭސީސީއަށް ވަނީ ހުށަހަޅާފައެވެ، އެހެންނަމަވެސް އެ ފައިސާއަކީ ޑޮލަރު ގަތުމުން ދިން ފައިސާކަން ތަހުގީގުން ބެލި ބެލުމުން އެނގެން ނެތް ކަމަށްވެސް އޭސީސީ އިން ވަނީ ބުނެފައެވެ.

މަހްލޫފުގެ މައްޗަށްކޮށްފައިވާ މި ދައުވާ ސާބިތުވެއްޖެނަމަ ގާތްގަނޑަކަށް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.