އައްޑޫ ސިޓީ ހުޅުމީދޫގައި ކޯވިޑް-19ގެ އެކްޓިވް ކޭސް އެއް ނެތް ނަމަވެސް، އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް އެއްވެސް ލުޔެއް ދީފައިނުވާތީ އެ ދެ އަވަށުގެ ރައްޔިތުން ކަންބޮޑުވުންފަޅުކުރަން ފަށައިފިއެވެ،
މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ‘ނިއުލައިން ބޯޓު’ގެ ފަޅުވެރިންތަކެއް ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހުޅުދޫ އަދި މީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ހިތަދޫ އިން އިތުރު ކޭސްތަކެއް ފެނި މުޅި އައްޑޫސިޓީ ލޮކްޑައުންކުރީ މޭއި މަހުގެ 2 ވަނަ ދުވަހުއެވެ. އަދި އައްޑޫ ސިޓީގައި ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ހަވީރު 16:00 އިން ފެށިގެން ފަތިހު 04:00 އަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ.
މިމަހިގެ ތިންވަނަ ދުވަހުން ފެށިގެން އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައިނުވާއިރު އެ ދެއަވަށުން އެންމެ ފަހުން ޕޮޒިޓިވްވީ ހޯމް ކަަރަންޓީންގައި ތިބި މީހުންނެވެ. މިވަގުތު މި ދެ އަވަށުގައި އެކްޓިވް ކެސް އެއް ނެތް އިރު، ފާއިތުވި ހަތް ދުވަހު ހުޅުދޫ މީދޫއިން ނެގުނު އެއްވެސް ރެންޑަމް ސާމްޕަލްއެއް ޕޮޒިޓިވްވެފައެއް ނުވެއެވެ.
ހުޅުދޫ މީދޫ ކާފިއު އުވާލާ ފިޔަވަޅުތަކެއް ލުޔެއް ދިނުމާއި ގުޅޭގޮތުން މީގެ ކުރިން’ އޭއޯ ނިއުސް’ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މޭޔަރ އަލީ ނިޒާރު ވިދާޅުވީ ހުޅުދޫ މީދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދެވިދާނެކަމަށާއި އެހެންނަމަވެސް ޕޮޒިޓިވް ކޭސްތައް މަދުކަން ޔަގީން ވާންޖެހޭނެކަމަށެވެ. އިތުރަށް އަލީ ނިޒާރު ވިދާޅުވީ މި ދެ އަވަށަށް ލުޔެއް ދެވިދާނެކަމަށާއި އެހެންނަވެސް އެކްޓިވް ޕޮޒިޓިވް ކޭސް އެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އާބާދީގެ ނިސްބަތައް ބަލައިންގެން، ވަކި ސައްތައެއްގެ ރެންޑަމް ސާމްޕަލްތައްވެސް ނަގަންޖެހޭ ކަމަށާއި އަދި ސާމްޕަލްތައް ނެގެޓިވްވާންޖެހޭކަމަށެވެ.
ނިޒާރު މިހެން ވިދާޅުވެފައިވާއިރު، ހުޅުދޫ މީދޫގެ ހާލަތު ރަނގަޅުވެ ކޮވިޑްގެ އެކްޓިވް ކޭސް އެއް ނެތްއިރުވެސް އެ ދެ އަވަށުގައި ކާފިއު ހިންގާ މޮނިޓަރިންއަށްލާފައިވާތީ, ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. މި ގޮތުން ހިތްހަމަނުޖެހުން ފާޅުކޮށް މީދޫ ވިޔަފާރިވެރިއަކު ބުނީ މި ކަމުގެ ސަބަބުން ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރުކޮށް، ވިޔަފާރި ހުއްޓާލާ ހިސާބަށް ކަންތައްތައް ހިނގައްޖެ ކަމަށެވެ. “ގާތްގަޑަކަށް ދެ މަހެއްހާ ދުވަސް މިވީ ބަންދުވެގެން މިހެން ތިބޭތާ. އަހަރެމެން އެޗްޕީއޭގެ އިރުޝާދުތަކަށް ބޯލަބައިގެން، އެ ގޮތަށް އަމަލުކުރަމުން ދިޔައީ މިކަމުން ސަލާމަތްވެ އަލުން ނިއު ނޯމަލްއަށް އެބުރި ދިއުމަށް. އެކަމަކު މިހާރު މިއީވެސް ބޭކާރު ކަމެއް. އަލުން ވިޔަފާރިތައް ހުޅުވި އަހަރެމެންނަށް ވިޔަފާރިތައް ކޮޅަށްޖެހޭނެ އެއްވެސް ގޮތެއް އަދި ނުފެނޭ. ބަލި ނެތްތަނެއްގައި، ނުބައްދަލު ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިއީ ވަކިން އޮންނަ ހުޅުދޫ މީދޫ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް” ވިޔަފާރިވެރިއަކު ބުންޏެވެ.
ހުޅުދޫ މީދޫ ގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ނުލިބޭތީ ވިޔަފާރިވެރިންގެ އިތުރުން އެ ދެ އަވަށުގެ ރައްޔިތުންވެސް އަންނަނީ ސޯޝަލް މީޑއާގައި އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު އާއި އައްޑޫ އީއޯސީ އަދި ޓާސްކް ފޯސް ޓީމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. މި ގޮތުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކުވަނީ މިއީ ޒަމާނުއްސުރެ މި ދެ އަވަށުގެ ރައްޔިތުންނާއި މެދު އަމަލުކުރަމުން އައި ތަފާތުކުރުންތަކަށް އިތުރުވި ބޮޅެއް ކަމުގައި ބުނެފައެވެ. “މީދޫއިން ފުރަތަމަ ކޭސް ފެނުމުން ބަންދުކުރީ މި ދެއަވަށް އެކަނި. އޭރު ގުޅިފައިވާ އެއްވެސް އަވަށެށް ބަންދުކޮށް ކާފިއުއެއް ނުހިންގާ. މުޅި އައްޑޫ ލޮކްޑައުން ކުރީ ގުޅިފައިވާ އަވަށްތަކުން ކޭސްތަކެއް ފެނުމުން. އެކަމަކު މިހާރު މި ދެ އަވަށުގައި އެއްވެސް އެކްޓިވް ކޭސްއެއް ނެތް އިރުވެސް އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް އަޅާފައިވާ ފިޔަވަޅުތަކެއް އަޅާފައިވަ މިވަނީ. މިއީ ތަފާތު ކުރުން ނޫންތޯ؟” ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.
މި ދެ އަވަށުގައި ހިންގަމުން އަންނަ ކާފިއު އުވާލުމަށް ގިނަ ބަޔަކު ގޮވާލަމުން އަންނައިރު، ދެ މަހަށްވުރެ ގިނަ ދުވަސްވަންދެން ބަންދުވެގެން ތިބެން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުންވެސް ގިނަ ބަޔަކަށްވަނީ އަސަރުކޮށްފައެވެ. . ހާއްސަކޮށް މިކަމުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރުތައް ކުރަމުން އަންނައިރު ކުދިންގެ ކިޔެވުންވެސް މުޅިން ހަލާކުވަމުންދާތީ ބެލެނެވެރިންވެސް އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. މީގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވުމުގެ އިތުރުން އަޅާފައިވާ އެހެން ބައެއް ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރަމުން އަންނަކަމަށް ރައްޔިތުންވަނީ ބުނެފައެވެ.