English Edition
Dhivehi Edition
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް - ފޮޓޯ: އަވަސް

ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެމްޑީޕީއާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެއްކައިރިކޮށްލުމަށްފަހުކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެފައިވަނީ ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ ހަ ވަަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ނުފޮނުއްވޭނެ ކަމަށް އަންގައި، މަޖިލީހުގެ އިދާރާ އަށް ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ވަނީ ސިޓީއާއި ގުޅިގެންނެވެ.

ޒަމީލްގެ މި ސިޓީ އާއި ގުޅިގެން، އޭނާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވި މައްސަލަ އެ ކޮމިޓީން ވަނީ ބޭރުކޮށްފައެވެ. އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކު މި މައްސަލަ އިމްތިޔާޒު ކޮމިޓީން ބޭރުކުރި މައްސަލަ ހޫނުވެފައިވާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ޖަލްސާގައި ރައީސް ނަޝީދުގެ ހަމަލާއާ ގުޅިގެން ހުށަހެޅުނު ގަރާރަށް ސަރުކާރުގެ އެއްވެސް ވަޒީރަކު އެއްޗަށް ވިދާޅުނުވުމުން މަސްރަހު އިތުރަށް ވަނީ ގޯސްވެފައެވެ.

އެމްޑީޕީގެ ދެ ފެކްޝަނެއް އުފެދިފައިވާކަމަށް ގިނަ ބަޔަކު ބުނަމުން ދާ މި ދަނޑިވަޅު ވެރިކަމުގެ ދެބާރެއް އޮތީ އެމްޑީޕީގެ ތެރޭގައި ކަމަށާއި އެ ދެބާރުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަސައްކަތް ދެބައިވެ، އަދި އެމްޑީޕީގެ މަސައްކަތް ވެސް ދެބައިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތަކާއެކު އެންމެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ބިގޭގެ މި ވާހަކަތަކަށް ރައްދު ދެމުން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސައްކަތް ދެބައިވީ އެމްޑީޕީއިން ވައުދުވީ ކަންކަން ކުރުމަށް ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. “އެމްއެމްޕީއާރްސީ އާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫގަޅަން ފެށުމުން، ސަރުކާރަށް ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ، ޕާޓީ އާއި ރައީސް މުހައްމަދު ނަޝީދު އެއްކައިރިކޮށްލުމަށް ފަހު ސަރުކާރު ހިންގަން އުޅުނީމަ.” ހަސަން ލަތީފް ވިދާޅުވިއެވެ.