ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ދެން އުފެދޭނީ އަނެއްކާވެސް އެމްޑީޕީގެ ސަރުކާރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ޕާޓީގެ ހިންގުމާ ހަވާލުވެ، 2028 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރެއް އުފެއްދުމަށް ކަމަށެވެ. އަދި މި ދަތުރުގައި ޕާޓީގެ ހުރިހާ މެންބަރުން އެކީގައި ތިބެގެން ކާމިޔާބީ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީއަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައިގެން ވެރިކަން ބަދަލުކުރުމުގެ ތަޖުރިބާ ހުރި ޕާޓީއެއްކަން ފާހަގަކުރައްވައި، އެ ތަޖުރިބާ މުޅި ދުނިޔެއަށް ކިޔައިދޭން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އިތުރަށް ނަޝީދު ވަނީ މިހާރު އޮތް ގާނޫނުއަސާސީއަކީ ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާއަށް ބާރުތައް ލިބިދޭ ގޮތަށް އޮތް އެއްޗެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އެހެންކަމުން، ވެރިކަން ކުރާ ނިޒާމަށާއި، މަޖިލިސް މެންބަރުން ހޮވާ ގޮތަށް ބަދަލު ގެނައުމަށް އެމަނިކުފާނު ވަނީ ހުށަހަޅުއްވާފައެވެ.
ރާއްޖޭގެ ހާލަތު ބަދަލުކުރުމަށް ރައްޔިތުން އެދޭ އަޑު އިވޭތީ، އަލުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ރޭ ބޭއްވި މި ޖަލްސާއަށް ފަހު، ރައީސް ނަޝީދު ވަނީ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު މާލޭގެ މަގުތަކުގައި ހިނގާލުމެއް ބާއްވާފައެވެ. މި ހިނގާލުމުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.