English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލަ ބަލާ މަޖިލީހުގެ ކޮމެޓީއަށް ވަކިވަކި ސިފައިން ހާޒިރު ވިޔަ ނުދޭން އެންމެ ބޮޑު މަސައްކަތެއް ކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހޫނު ރައްދެއް ދެއްވައިފިއެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ ހަ ވަަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ނުފޮނުއްވޭނެ ކަމަށް އަންގައި، މަޖިލީހުގެ އިދާރާ އަށް ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ވަނީ ސިޓީއެއް ފޮނުވައްވާފައެވެ. ޒަމީލްގެ މި ސިޓީ އާއި ގުޅިގެން، އޭނާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވި މައްސަލަ އެ ކޮމިޓީން ވަނީ ބޭރުކޮށްފައެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކު މި މައްސަލަ އިމްތިޔާޒު ކޮމިޓީން ބޭރުކުރި މައްސަލަ ހޫނުވެފައިވާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި ނަޝީދު ވަނީ ރައީސް ސޯލިހްއަށް އަމާޒުކޮށް ސުވާލުކުރައްވާފައެވެ.

މި ގޮތުން ނަޝީދުގެ މެސެޖްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 (ކޮމިޓީ) އަށް ހާޒިރުވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެ މަނިކުފާނަށް އެއްގޮތަކަށް ވެސް ނުވިސްނޭކަމަށެވެ. އަދި ރައީސް ސިއްރު ކުރައްވަން އުޅުއްވަނީ ކޮން ކަމެއްތޯ ވިދާޅުވެ ނަޝިދުވަނީ ސުވާލުކުރައްވާފައެވެ. އަދި ރައީސް ސޯލިހް ހާސިލް ކުރައްވަން ބޭނުންފުޅުވާ ކަންކަން ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ހާމަކޮށްދެއްވުމަށް ވެސް ނަޝީދު އެދިވަޑައިގެންފައެވެ.