ރާއްޖޭގެ ހާލަތު މިއަދު އޮތީ ނުކައި ބަނޑަށް ހުންނަން ޖެހުނުކަމަށްވީ ނަމަވެސް ސިނގިރޭޓު ގަނެގެން ނޫނީ ނުއުޅެވޭ މިންވަރުގައި ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސިނގިރޭޓާއި ދުންފަތުން ނަގައި ޓެކްސް ބޮޑުކުރުމާއި އީ-ސިނގިރޭޓު އަދި ވޭޕުން ނަގައި ޓެކްސް ވެސް މަނާކުރާ މުއްދަތާ ހަމައަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގެ ބަހުސްގައި ޣަފޫރު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމުން ސިއްހަތަށް ގެއްލުންވުން އެއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ. އެހެންނަމަވެސް ރައްޔިތުން އެ ކަމުން ދުރުކުރުމުގެ ނަމުގައި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރާއިރު އެއީ ރައްޔިތުންނަށް ތަހައްމަލުކުރެވޭނެ ކަމެއްތޯ ސުވާލު އުފެދޭކަމަށެވެ.
މިއަދު ގައުމުގެ ހާލަތާއި ގުޅޭ ގޮތުން ވާހަކަދައްކަމުން އޭނާ ވިދާޅުވީ ގޭގައި ކައްކައި ނުކެޔަސް ގަންނަންޖެހޭ ސިނގިރޭޓު ގަނެގެން ނޫނީ އުޅެވެން ނެތްކަމަށެވެ. އަދި އެ ހާލަތަށް ވެއްޓިގެންދާއިރުގައި މި ހާލަތަށް އަގު އަރައިގެން ދިޔައިމާ ވާނެ ގޮތާ ދޭތެރޭގައި ވިސްނާލަންޖެހޭ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާ ދެކޮޅު ނުހައްދަވާކަން ހާމަކުރަމުން ޣަފޫރު ވިދާޅުވީ މިހާރު ބޮޑުކުރަން ހުށަހަޅައިފައި އޮތް މިންވަރަށް ބޮޑުކުރުމާ ދެކޮޅުކަމަށެވެ. އަދި މިއީ ހާލަތާ ނުބައްދަލު ބާރެއް ބޭނުންކުރުން ކަަމަށް އޭނާ ވިދާޅުވިއެވެ. މިއީ ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ޣަފޫރު ވިދާޅުވީ ވޭޕާއި ސިނގިރޭޓުގެ ވިޔަފާރިއަކީ ވެސް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ގިނަ ބަޔަކު “އިންވެސްޓު”ކޮށްގެން އޮތް ވިޔަފާރިއެއްކަމަށެވެ.