English Edition
Dhivehi Edition
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ނިންމައިފިއެވެ.

ޓެކުހާއި ބެހޭ ބިލުތައް ދިރާސާކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީގެ ސަބްކޮމިޓީގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި 2025 ވަނަ އަހަރަށް ލަފާ ކުރާ ގައުމީ ބަޖެޓް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ބަޖެޓް ހުށަހެޅުމުގެ ޖަލްސާ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް މަޖިލީހުގެ ރައީސް ނިންމެވިކަން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އޭނާގެ އަރިހު ރޭ ދަންނަވާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ގާނޫނުއަސާސީގައި އޮންނަނީ ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ސަރުކާރުން ހުށަހަޅަންވާނެ ކަމަށެވެ.