English Edition
Dhivehi Edition

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ޕެންޑަމިކްގެ އަސަރު 2020ގައި ރާއްޖެއަށްވެސް ފޯރައިފައިވެއެވެ. ނަމަވެސް ސަރުކާރުން އޭރު އަޅާފައިވާ ވަރުގަދަ ފިޔަވަޅު ތަކާއި އެކު މާލެ ފިޔަވައި ރާއްޖެތެރޭގައި ބަލީގެ އަސަރު ފެތުރިފައިވަނީ މަދު އަތޮޅަކާއި ރަށްތަކަކަށް ކަމަށް ބުނުމަކީ ކުށަކަށް ނުވާނެއެވެ. މަޑުމަޑުން ބަލީގެ އަސަރުތައް ކޯންޓްރޯލް ކުރެވި ސަރުކާރުން ދެން ނިންމި ނިންމުމަކީ ބަންދުގައި އަބަދު ރައްޔިތުން ބައިތިއްބައިން ނުތިބެވޭނެ ކަމެވެ. ދޫތަކެއްދީ ލޮކްޑައުން އުވާލުމާއި އެކު ނިއު ނޯމަލް އަކަށް މިސްރާބް ޖެހިއެވެ. މަލޭގެ ލޮކްޑައުން ހާލަތު އުވާލައި ސައި ހޮޓާ، ރެސްޓޯރަންޓްތައް ހުޅުވަން ހުއްދަވެސް ދިނެވެ. ވިޔަފާރިވެރިންނަށް ވިޔާފާރި ކުރާނެ ފުރުސަތުތައް ހުޅުވާލައި ފިހާރަތައް ހުޅުވާ ލެވުމުގެ ހުއްދަވެސް ދިނެވެ. ބަރަކާތްތެރި ރަމަޟާން މަހެއް ނިމި ދާންޖެހުނީ މިސްކިތުގައި ތަރާވީސް ނުކުރެވޭ ހާލަތުގައި ކަމުން މިސްކިތްތައްވެސް ޖަމާއަތުގައި ނަަމާދު ކުރެވޭހެން ހުޅުވާލެވުނެވެ. ގެއިން ވުޟޫކޮށްގެން އަމިއްލަ މުސައްލަ ހިފައިން ދިޔުމަށް ނަސޭހަތްތެރިވަމުންނެވެ. ގައިދުރުކަން ބަހައްޓައި މާސްކް އެޅުމާއި އެކު މީހުން އެއްވެ އުޅެން ހުއްދަ ލިބުނަސް ރަށްފުށުގައި ދިރިއުޅޭ މީހުންނަށް މާސްކް އަޅަން މަޖްބޫރު ކަމެއް ނެތި އޭރު ދޫކޮށްފައި އޮތީ ބަލީގެ އަސަރު ބޮޑަށް ފެތުރިފައިވަނީ މާލޭގައި ކަމުންނެވެ.

ހާލަތު ބަދަލް ވާން ފެށި ހިސާބު އެއްވެސް ބަޔަކަށް އޮޅިފައި ނޯންނާނެ ކަން ޔަޤީނެވެ. ހަރުކަށި ފިޔަވަޅު ތަކަކާއި އެކު މާލެއިން ރާއްޖެތެރޭ ރަށަކަށް ދާ މީހެއް ނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ހެލްތް ޕޮރޮޓެކްޝަން އެޖެންސީ އާއި ސަރުކާރުން އަންގާފައި އޮތް އެންގުމަށް ލުޔެއް ދިން ހިސާބުންނެވެ. ހާލަތްތަކާއި އެކު ނުބާއްވާ ދިގު ދަންމާލި 2021 ވަނަ އަހަރުގެ ކައުންސިލް އިންތިހާބާއި އެކު ކަރަންޓީން ނުވެ ވޯޓުލާން ރަށަށް ދެވޭނެ ކަމަށް ބުނުމުން ރައްޔިތުން ހީވީ ކޮށްޓަކުން މިނިވަން ވާން ބޭނުން ވެފައި ތިބި ގުރާތަކެއް އުދުއްސާލި ހެންނެވެ. މިއުޅެނީ މާލެއިން ކޮވިޑް 19 ވައިރަސް ނުފިލާ ކަމެއް ހަނދާންވި ފަރުދެއްވެސް ނެތެވެ. ސަރުކާރުން ހާއްސަ ހުއްދައެއް ދަށުން ސަރުކާރުގެ މުއައްސަސާ ތަކުގެ ވެރިން ރަށްތަކަށް އަރާ ފޭބުން ވެގެން ދިޔައީ ރައްޔިތުންނަށް ރަތަށް އަރާވަރު ކަމަކަށެވެ. އެހެން ކަމުން މާލެއިން ބޭރަށް ދާން ލިބުނު ފުރުސަތުގެ ބޭނުންހިފަން ދުއްވައިގަތީ ވެހޭވާރޭގަޑަކުން ޗަކަވެފައި އޮންނަ މަގުގެ ޗަކަ ހަރުވާޅަށް ނުވަތަ ފަޓްލޫނަށް ނުބުރާނެހެން އަރުވާ ޖަހައިންނެވެ. ފަހުން ވާނެ ގޮތަކަށް ވިސްނުމެއް ނެތްތާ އަމިއްލަ މީހާ ހުރި ހާލަތުވެސް ނޭނގޭ ހާލު ގިނަ މީހުން ދަތުަރަށް ފުރަމުން ބުނަމުން ދިޔައީ އެލުޔަށް ފަހު އަނެއްކާވެސް ލޮކްޑައުންއެއް އަންނާނެ ކަމެވެ. ވޯޓް ނޭޅިޔަސް ރަށަށް ދާނެ ކަމެވެ. ވޯޓްލާން ދާން ދިން ލުއިގައި ގިނަ ރައްޔިތުންތަކެއް ރުޅިއައިސް ސަރުކާރަށް ފާޑުކިޔުން އަމާޒުކުރިއެވެ. ކޮވިޑް 19 ގެ ސަބަބުން ނިޔާވެ ގޮސްފައިވާ އާއިލާ މެމްބަރުންނާއި އަނބިމިހާ ވިހަން ވައްދައިން ހޮސްޕިޓަލް ލޭބަރ ރޫމަށް ނުވެއްދި ފިރިންވެސް ސޯޝަލް މީޑިޔާ ފްލަޑް ކުރިއެވެ. ސިއްޙީ ހިދުމަތްތެރިންގެ ކަންބޮޑުވުން އިންތިހާއަށް މައްޗަށް ގޮސް ގައުމު މިދަނީ ނާޒުކު ފައްތަރަކަށް ކަމަށް ބުނަމުން ދިޔައެވެ. އާއެކެވެ! މިހުރިހާ ކަމެއް ދިމާވެގެން ދިޔައިރުވެސް ލޯބިވެރިއަކު ނުފޮނުވާ ވަރަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ދިޔައީ ފޯނު މެމޮރީ ފުރެންދެން ގައިދުރުކަން އިސްކޮށް މާސްކް އަޅަން އިލްތިމާސްކޮށް މެސެޖް ކުރަމުންނެވެ. އެ މެސެޖް ތަކަކީ ރައްޔިތުމީހާއަށް މުހިންމު ކަމަކަށް ވެސް ނުވިއެވެ.

 

ދެންވީގޮތް ބަލަމާ ހިނގާށެވެ! ކޮށިން ދޫކޮށްލި ގުރާތައް އެކި ތަން ތަނަށް ޕުއްޕުލާ ރީތީ ގެތަކުގެ ފުރާޅު ނަޖިސް ކުރާ ފަދައިން ރަށްތަކަށް ދަތުރު ކުރި މީހުންގެ ސަބަބުން މިވަނީ ކޮވިޑް 19 އަތޮޅު ތަކަށާއި ރަށްތަކަށް ފެތުރިފައެވެ. ދަތުރު ކުރުމުގެ ކުރިން ޕޯޓަލް ގައި ރެޖިސްޓްރީ ވާންޖެހޭ ގަވައިދު ތަކެއް ވެސް ހެދިފައި ހުއްޓެވެ. ނަމަވެސް ޕޯޓަލް ގައި ރެޖިސްޓަރ ނުވެ ރަށްތަކަށް ވެސް މީހުން އަރާ އަމިއްލަ ވަޒަނުގައި މިނިވަންކަމާއި އެކު އުޅެމުން ދާން ފެށީ ސަރުކާރަށް އިގިލި ދިއްކޮށް ކައުންސިލް ތަކަށާއި އީއޯސީ ތަކަށް އިގިލި ދިއްކުރަމުން ނެވެ. ބުނަމުން ދިޔައީ ކަރަންޓީން ނޯޓިސް ނުހިއްޕާ ކަމަށެވެ. ކަރަންޓީން ވާން ނާންގާ ކަމަށެވެ. ލިޔަން ކިޔަން ނޭނގޭ މީހަކަށް ލިޔެފަ އޮތް އެއްޗެއް ނޭނގިދާނެއެވެ. ނަމަވެސް ޓީވީންނާއި ރޭޑިޔޯއިން ކަންވާންވީ ގޮތް ގޮވާއިރު ކަންކުރަންވީ ގޮތް އެނގޭނެތާއެވެ. ޕޯޓަލް ގައި ރެޖިސްޓްރީ ނުވެ ރަށަށް އެރުމުން ގެއްލުންވަނީ ތިމާ އަށް އެކަނި ނޫންކަން ވިސްނެން ޖެހެއެވެ. ތުންތުން މަތިން މިވެނި ގެޔެއްގެ މީހަކު ބަލި އޮތް ރަށަކުން އައިސް ކަރަންޓީން ނުވެ ރަށު ތެރޭގައި އުޅޭ ވާހަކަ ބުނުމުން ކައުންސިލް ތަކުން އެމީހެއް ދަތުރު ކުރި ތާރީޚް ދެނެގަނެ ކަރަންޓީން ވާން އަންގައި، ކަރަންޓީން މުއްދަތު ހަމަވާ އިރު މިއޮންނަނީ ނަތީޖާ ފައްސިވެ އެމީހެއް ފުށުންވެސް އެތައް ބަޔެއް ނުރައްކަލަށް ހުށަހެޅިފައެވެ. ދެން ބުނަންވީ ކީކޭ ތޯއެވެ! އެރަށެއްގެ ކައުންސިލް އޮތީ ފެއިލްވެފައި ތޯއެވެ!

ފަރުދީ ޒިންމާ ގެ ވާހަކައަކީ އަބަދުވެސް އެހެން މީހުންގެ ކުށް ހޯދަން ބޭނުންވާ ބަޔަކަށް ފަސޭހަ ބަހަކަށްވެސް ނުވެއެވެ. ފަރުދީ ޒިންމާގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ރުގިއްޔާގެ ދަރި ހަސަނު މިހެން ހެދި އެހެން ކަންތައްކުރި އޭ ކިޔާ ގޮވަންފަށައެވެ. ޤައުމު މިއޮތް ހާލަތާއި މެދު އެންމެންވެސް ވިސްނަން ޖެހެއެވެ. ސިއްޙީ ހިދުމަތްތެރިން ކުރާ ބުރަ މަސައްކަތް އަގު ވަޒަން ކޮށް އެމީހުންނަށް ވެސް ލުޔެއް ލިބޭނީ ޔަޤީނުންވެސް ފަރުދީ ޒިންމާ އާއެކު މުޢައްސަސާ ތަކުގެ ޒިންމާ ތައްވެސް މިއަށްވުރެ ހަރުދަނާ ކޮށްގެންކަން ޔަޤީނެވެ. މިއަދާ ހިސާބަށް 21،000 މަތީ އަދަދަކަށް މިވަގުތު އެކްޓިވް ކޭސް އަރާފައި ވާއިރު 177 މީހުން މިވަނީ މިބަލީގައި ނިޔާވެފައެވެ. ޤަވައިދު ތަކެއް ހަދައި ލިޔުމެއް ގައި ސޮއި ކޮށް މި ޤަވައިދޭ ބުނުމަކުންވެސް ނުވާނެއެވެ. ބޮއްސުން ލައިން ކަމެެއް ދިޔުމުން މާފަށް އެދުމަކުންވެސް ނުވާނެވެ.ރައްޔިތުންނާއި ކައިރިން އެހީވާން އެބަތިބީމޭ ބުނެ އެމެޖަންސީ ހޮޓްލައިންތައް ތައާރަފް ކޮށް އެނަމްބަރުތައް ފޯނު ނުނަގާ ލަސްވުމުން އަނެއްކާވެސް މައާފަށް އެދުމުން ފުދޭ ހެއްޔެވެ. މަސްއޫލިއްޔަތުތަށް ހަވާލުކޮށްފައިވާ މީހުން މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރޭތޯ ބަލަން ޖެހެއެވެ. ކަމެއް ދިމާވުމުން އިހުމާލެއް ވޭތޯ ތިން ދުވަހަށް ދިގު ދެމިގެން ދިޔުމަކީ މަސްއޫލިއްޔަތުތައް އަދާ ނުވާ ކަމުގެ ހެއްކަކަށް ނުފުދޭ ހެއްޔެވެ!

ވަކި ބަޔެއްގެ ޖީބަށް ފައިސާ ވަންނަ ގޮތަށް ޕޯޓަލް ގައި ރެޖިސްޓްރީ ވެފައި ވޭތޯ ނުވޭތޯ ނުބަލާ ރާއްޖެތެރޭގެ ރަށްތަކަށް މީހުން ފުރުވާލާ ފުރުވާލުމަކީ ކުޑަ ކަމެއްވެސް ނޫނެވެ. ޕޯޓަލް ގައި ރެޖިސްޓަރ ނުކުރާ މީހުން އެއަރލައިންގައި ދަތުރު ނުކުރެވޭ ގޮތް ހަދަންޖެހެއެވެ. ނަގާލާ ޓިކެޓް އިން ލިބޭ އާމްދަނީ އަށްވުރެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރަން ޖެހެއެވެ. މި ޖެހިފައިވާ މުސީބާތުން އަރައިގަނެވޭނީ ރައްޔިތު މީހާވެސް ފަރުދީ ޒިންމާ އަދާކޮށް ސަރުކާރުގެ އުސޫލުތައް މިހާރަށް ވުރެ ހަރުދަނާ ކޮށް ޒިންމާދާރުވެގެންނެވެ.