English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު

ފާއިތުވި ފަސްއަހަރުގެ ތެރޭގައި ފައިސާ ޗާޕުކުރިވަރު އޭގެ ކުރީގެ 40 އަހަރު ޗާޕުކުރިވަރަށްވުރެ ގިނަކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ހިތަދޫ އަދި ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅެއް ކަމުގައެވެ. ފައިސާ ޗާޕްކުރުން ހުއްޓާލުން އެއީ ފަސޭހަ ނިންމުމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެހެންނަމަވެސް އެކަން އެގޮތަށް ނުކުރާނަމަ މިއަދުވެސް ޤައުމުގެ މާލީ ހާލަތު އޮތް ވަރަށްވުރެ އިތުރަށް ގޯސްވާނެކަމުގައެވެ. މި ސަރުކާރު ފެށުނުއިރު 120 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ޖުމްލަ 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދީ ހާލަތު އޮތްގޮތަށް ބަލާއިރު ފައިސާ ޗާޕްކުރުން ހުއްޓާލުމަށާއި، އިޤުތިޞާދީ ހާލަތު ބަދަލުކުރުމަށް މިސަރުކާރުން އެޅި ފިޔަވަޅުތަކަކީ މިހާލަތުގައި އޮތް އެއްވެސް ޤައުމަކުން ނުނިންމާފަދަ ހިތްވަރު ގަދަ ނިންމުމެއްކަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ފާހަގަކުރާކަމުގައެވެ.

މިސަރުކާރުން ލޯނު ނަގައިގެން ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތައްވެސް ކުރިއަށްގެންދާނީ ދިވެހިންނަށް އޭގެ މަންފާ ކުރާގޮތަށްކަން ފާހަގަކުރައްވައި، އައްޑޫސިޓީގެ ހުޅުދޫމީދޫއާއި ހިތަދޫ ގުޅުވާލާ ބުރިޖުގެ މަސައްކަތްވެސް ކުރިއަށްގެންދާނީ އެގޮތަށްކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ބައެއް ސާމާނާއި ލޮޖިސްޓިކްސްގެ މަސައްކަތްތައް ފަދަ ކަންކަމުން އައްޑޫސިޓީގެ ރައްޔިތުންނަށް މަންފާކުރާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.