English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒި: ފޮޓޯ ރައީސް އޮފީސް

މި އަހަރުފެ ރޯދަ މަހަށް ތަކެތީގެ އަގު ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު”ގައި ކުރިއަށް ރޯދަ މަސް އޮތުމާ އެކު ކާބޯތަކެތި އަގު ހެޔޮކޮށްދިނުމާ މެދު މީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް ރޯދަ މަސް އޮތުމާ އެކު އެންމެ އަސާސީ ހުރިހާ ބާވަތެއްގެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނެސް، އެ ތަކެތި އަގު ހެޔޮކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ތަކެތީގެ އަގު އިތުރަށް ހެޔޮކުރެވޭތޯ މިހާރުވެސް މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި އެކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ދުރު ރާސްތާ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ ގޮތް ގާއިމުކޮށް، ފުޑް ސެކިއުރިޓީ ކަށަވަރުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭރުން ކާބޯތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓިއޯ އިން މިހާރުވެސް ރަމަޟާން މަހަށް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅާފައެވެ.