English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ޑޮކްޓަރ އެމްވީ

އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް(އޭއީއެޗް) ގެ އިހުމާލުން. މިއަދު ވިހެއި ތުއްތު ކުއްޖަކު ނިޔާވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އާއިލާގެ ފަރާތުން ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ދެމުން ބުނީ އެ ދެމަފިރިންނަށް ދަރިއަކު ލިބިފައިވަނީ ކައިވެނި ކޮށްގެން ގިނަ ދުވަސްތަކެއް ވުމަށްފަހު، ޑޮކްޓަރަށް ދައްކައިގެން ބޭސްވެސް ކޮށްގެން ކަމަށެވެ. އަދި ބަނޑުބޮޑު ކަން އެގުނު ދުވަހުން ފެށިގެން ގަވައިދުން ޑޮކްޓަރަށް ދައްކަމުން އަންނަކަމަށާއި، ބަނޑަށް ފަސް މަހުގައި އެނޯމަލީ ސްކޭންވެސް ކޮށްފައިވާކަމަށެވެ. “އޭއީއެޗްގައި އެ ވަގުތު ހުންނެވި އަންހެނުންގެ ޑޮކްޓަރު ސްކޭން ކުރުމަށްފަހު ބުނި ހުރިހާ ކަމެއްވެސް ރަނގަޅުކަމަށް. ދަރިފުޅުގެ މޫމެންޓްވެސް ރަނގަޅުކަމަށް ޑޮކްޓަރު ބުނީ” އާއިލާގެ ފަރާތުން ބުންޏެވެ.” އޭގެ ފަހުންވެސް ޑޮކްޓަރަށް ދެއްކުމަށް ވަރަށް ގިނަ ފަހަރު މަސައްކަތްކުރި. އެހެންނަމަވެސް އެޕޮއިންޓްމެންޓް ހޯދަން އުދަގޫވެ ޑޮކްޓަރަށް ނުދެއްކި ހުއްޓާ އައްޑޫ މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ. ދެން މާބަނޑު މީހުންވެސް އޮންލައިންކޮށް ޑޮކްޓަރަށް ދައްކަންޖެހުނީ ” އިތުރަށް އާއިލާއިން ބުންޏެވެ.

ކޮވިޑާއި ގުޅިގެން ޑޮކްޓަރަށް ދައްކަން ދިމާވި ދަތިތަކާއެކު ފުރަތަމަ ފަހަރަށް ޑޮކްޓަރަށް ދައްކަން ބުނި ދުވަހުވެސް ހޮސްޕިޓަލުން ނުގުޅައިގެން، ޑޮކްޓަރަށް ނުދެއްކުނު ކަމަށާއި އެހެންނަމަވެސް ފަހުން ވަރަށް މަސައްކަތްކޮށްގެން އޮންލައިންކޮށް އެންމެ ފަހަރަކު ޑޮކްޓަރަށް ދެއްކުނު ކަމަށް އާއިލާއިން ބުންޏެވެ. “އޮންލައިންކޮށް ދެއްކެނީ. ސްކޭނެއް ނެހެެދޭ. އެހެން ހުއްޓާ ކުއްލިއަކަށް ބަނޑުން ފެން އަންނަން ފެށީ. ދެން އަލަށް ޕްރެގްވީމަ އެހާ ވަރަކަށް ނުވެސް އެގޭނެތާ. އެކަމަކު ފެންފައިބަން ފެށި ހިސާބުން ޑޮކްޓަރާއި އެ ވާހަކަ ހިއްސާކުރި. އެކަމަކު އެ ފަހަރުވެސް މައްސަލައެއް ނެތްކަމަށް ބުނެފައިވަނިކޮށް، ކުއްލިއަކަށް މާ ބޮޑަށް ބަނޑަށް ތަދުވާތީ ހޮސްޕިޓަލަށް ގެންދިޔައީ” އާއިލާއިން ބުންޏެވެ. އައްޑޫގައި ސްކޭން ޑޮކްޓަރެއް ނެތުމުގެ ސަބަބުން އަންހެނުންގެ ޑޮކްޓަރު ސްކޭން ހަދަމުން އަންނައިރު، އައްޑޫ އަށް ސްކޭން ޑޮކްޓަރެއް އައިސްފައިވަނީ ވަރަށް ފަހުންނެވެ.

ހޮސްޕިޓަލަށް ގެންދިއުމުންވެސް ނަރުހުން ބެލުމަށްފަހު އެއްވެސް މައްސަލަ އެއް ނެތްކަމަށާއި ދަރިފުޅުގެ ވިންދުވެސް ބަރާބަރުކަމަށް ބުނެފައިވާއިރު އެއީ ގޭސް ސްޓްރިކް ކަމަށް ބުނެ އެ ދުވަހު އިންޖެކްޝަނެއްވެސް ޖެހި ކަމަށް އާއިލާއިންވަނީ ބުނެފައެވެ. އަދި އެ ދުވަހުވެސް އަންހެނުންގެ ޑޮކްޓަރު ބަލާފައި ނުވާކަމަށާއި ގެއަށް ފޮނުވާލި އިރުވެސް ބަނޑަށް ތަދުވާކަމަށް އާއިލާއިންވަނީ ބުނެފައެވެ. މާބަނޑު އަންހެންކުއްޖާއަށް ދިމާވި މައްސަލައަށް ހައްލެއް ނުލިބި މަރަދޫފޭދޫގައި ދިރިއުޅެމުން ދިޔަ އެ އާއިލާއަށް އަނެއްކާވެސް ޖެހުނީ ރޭގަނޑު ދަންވަރު ފޭދޫ ސިއްހީ މަރުކަޒަށް ދައްކާށެވެ. “ރޭގަނޑު ދަންވަރު އަނެއްކާ ފޭދޫ މަރުކަޒަށް ގެންދިޔައީ ބަނޑަށް ތަދުވާތީ. އެކަމަކު އެ ތަނުންވެސް ބުނީ އެއްވެސް މައްސަލައެއް ނެތްކަމަށް. އެހެންކިޔާފަ ގެއަށް ފޮނުވާލީ. މިހާވަރު ވީއިރުވެސް ސްކޭނެއް ކުރެވޭ ގޮތެއް ނުވި. އެންމެ ފަހުން ވަރަށް މަސައްކަތްކޮށްގެން ހޮސްޕިޓަލަށް ގުޅައިގެން މިއަދު ހެނދުނު ސްކޭން ކުރުމަށް އެޕޮއިންޓްމެންޓެއް ލިބުނީ” އާއިލާއިން ބުންޏެވެ.

މިއަދު ހެނދުނު ޑޮކްޓަރަށް ދައްކަން ދިއުމުން ސްކޭން ޑޮކްޓަރު، ސްކޭން ކުރުމަށްފަހު ވަގުތުން އަންހެނުންގެ ޑޮކްޓަރު ގެނެސް ސިޒޭރިއަން ހަދަންލަފާ ދިން ކަމަށް އާއިލާއިންވަނީ ބުނެފައެވެ. “އޭރުވެސް ވެގެން އުޅޭ ގޮތެއް ނުބުނޭ. ބަނޑަށް 8 މަހުގެ ސިޒޭރިއަން ހަދަން އުޅުނީމަ ކަމެއްވެއްޖެކަން އެގޭ. ވަރަށް ސުވާލުކޮށްގެން ބުނީ ފެންމަދު ވާހަކަ.ދެން ވެސް މާ ބޮޑު ތަފްސީލެއް ނުދޭ” އާއިލާއިން ބުންޏެވެ. ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގޭ ވަރުވީ މިއަދު މެންދުރުގައެވެ. ކުއްޖާ ނެގި ގޮތަށް ވެންޓިލޭޓަރަށް ލީއިރުވެސް އާއިލާއަށް ވެގެން އުޅޭ ގޮތެއްގެ ތަފްސީލް ކިޔައިދީފައި ނުވާކަމަށް އާއިލާއިން ބުންޏެވެ. “އެންމެ ފަހުން އަޅުގަނޑު ގެންގޮސް ބުނީ ކުއްޖާގެ ލަންގްސްވެސް ފޯމެއް ނުވެއޭ. ސަލާމަތްކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތޭ. މި ހުރިހާ އެއްޗެއް ކިޔައިދިނީ އެތާ ހުރި އެޓެންޑެންޓް ކުއްޖެއް. އަންހެނުންގެ ޑޮކްޓަރު އެއްވެސް މައުލޫމާތެއް ނުދޭ. އެންމެ ފަހުން އާއިލާއިން ވަރަށް ސުވާލުކޮށްގެން އަންހެނުންގެ ޑޮކްޓަރު ބުނީ ފެންމަދު ވާހަކަ. އެކަމަކު އެއްކޮށް ފެން ހުސްވި ވާހަކައެއް ނުބުނޭ.” އާއިލާއިން ބުޏްނެވެ. އިތުރަށް އާއިލާއިން ބުނީ ފަސް މަހުގެ ކުރި ސްކޭނަށް ފަހުވެސް އޭރު، މާބަނޑު މީހާ ބެލި އަންހެނުންގެ ޑޮކްޓަރު ޕްލެސެންޓާގައ މައްސަލަ އެއް ހުރިކަމަށް ލިޔެފައިވާ ކަމަށް މިއަދު ހޮސްޕިޓަލުން ވަނީ ބުނެފައެވެ

ފަސްމަހުގައި ހެދި ސްކޭނަށްފަހު ޕްލެސެންޓާ ގެ މައްސަލައެއްގެ ސަބަބުން ފެންދުލީގައި ހުރި ފެންތައް ޕްލެސެންޓާއަށް ދަމައިގަންނަ ކަމަށް ޑޮކްޓަރު ލިޔެފައިވާކަމަށް މިއަދު ބުނެފައިވާއިރު އާއިލާއަށް މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ. އަދި އެއްވެސް ލިޔެ ކިޔުމެއްގައިވެސް އެ ވާހަކަ ނެތްކަމަށް އާއިލާއިން ވަނީ ބުނެފައެވެ. “މިއަދު ސްކޭން ކުރިއިރުވެސް އެގުނު ފެން ނެތްކަން. އަސްލު ފެން ހުސްވެގެން ފެންދުލި އޮތީ ކުއްޖާ ގައިގައި ތައްލަވާފަ، ކުއްޖާ ނެގިއިރު ނުވެސް ރޯކަމަށް ކުއްޖާގެ މަންމަ ބުނި. ދުވަސްފުރުނު އިރުވެސް ކުއްޖާ ރަނގަޅަށް އުފެދިފައި ނުވާކަމަށް މިއަދު ޑޮކްޓަރު އާއިލާއަށް އެންގީ”.

“އެކަމަކު މަރު ފޯމުގައިވެސް ޖަހާފައި އޮތީ މަރުވި ސަބަބެއް ނޭގޭ ކަމަށް. މި ހުރިހާ ދުވަހު ބުނީ ބޭބީ ރަނގަޅޭ. އެމެޖެންސީވެގެން އައި އިރުވެސް ނުބުނޭ މީގެ އެއްވެސް ވާހަކައެއް. އާއިލާއަށް އެއްވެސް މައްސަލައެއް ހުރިކަމުގެ މައުލޫމާތެއް ނުދޭ. އެކަމަކު މިހާރު ބުނަނީ ސިސްޓަމަށް އެންޓާކޮށްފަ އެބައިނޭ މައްސަލަ އެއް ހުރި ވާހަކަ. އެހެންވީމަ އެމެޖެންސީގައި ގެނައީމަ، ހިސްޓްރީ ބަލާފަވެސް އެމީހުން ޖެހޭނެ ދޯ އެ ވާހަކަ ބުނަން. އަދި އަވަސް ފަރުވާދޭން. އެކަމަކު އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާ މިއަދު ކުއްޖާ ނިޔާވީމަ މި ބުނަނީ އެ ވާހަކަތައް” އާއިލާއިން ބުންޏެވެ.

ގިނަ ދުވަސަތަކެއްގެ ފަރުވާއަށް ފަހު އެ ދެމަފިރިންނަށް ލިބުނު ދަރިފުޅު މިދުނިޔެއާއި ވަކިވުމުގައި ބޮޑު އިހުމާލެއްވާކަން އާއިލާއިން ތުހުމަތުކޮށްފައިވާއިރު، އެމީހުންވަނީ މި ހާލަތުގައިވެސް މާބަނޑު މީހުންނަށް ސްކޭން ހެދުމާއި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެދިފައެވެ. “އަޅުގަނޑުމެންނަށް މި ދިމާވި ގޮތް އެހެން އާއިލާއަކަށް ދިމާވާކަށް އަޅުގަނޑުމެން ނޭދެން”

 

 

ޓެގު

3 ކޮމެންޓް
Kulsy
ޖޫން 3, 2021
AEH needs to take responsibility for the death of the child. CEO needs to get out of his chair and look around for once. People are dying!
މުޙައްމަދު ދާނިޝް
ޖޫން 3, 2021
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ސްކޭން ޑޮކްޓަރެއް ނެތަސް އައްޑޫގެ އެއިމްސް ޑައިގްނޯސްޓިކް ކެއަރ ކްލިނިކުގައި ސްކޭން ޑޮކްޓަރެއް ބައްލަވާ! ކީއްވެތޯ އޭ.އީ.އެޗް ގެ ފަރާތުން އެތަނުގައި ސްކޭން ޑޮކްޓަރެއް ނެތި ދިޔުމުން ޕޭޝަންޓަށް އެއިމްސް އަށް ދާން ލަފާ ނުދިނީ؟ އެގޮތަށް އެކަން ކުރެވުނުނަމަ ނަތީޖާ ކުޑަކޮށް ތަފާތު ވެގެން ދިޔުންވެސް ގާތް. އައްޑޫގެ ސިއްޚީ ދާއިރާ ކުރިއަރައި ކޮވިޑު19 އިގެ ބަލިމަޑުކަމުގައި ސަރުކާރުގެ ސިއްޚީ އެކި އިދާރާތަކުގެ ޚިދުމަތްތަކަށް ބުރޫ އަރައި، އޯ.ޕީ.ޑީ ގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ނުދެވި ދާ ދަނޑިވަޅެއްގައި ރައްޔިތުންނަށް ލާބަ ހުރި ޚިދުމަތެއް ދެވޭނީ ސަރުކާރުގެ ސިއްޚީ އިދާރާތަކާއި ޕްރައިވެޓް ކްލިނިކްތަކާއި އޮންނަ ގުޅުން ބަދަހި ކޮށްގެން. އަޅުގަނޑުގެ ދުޢާ އަކީ ދެންވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވުން އަދި މިހިތާމައާއި ކުރިމަތި ލާން ޖެހުނު އާއިލާއަށް ކެއްތެރިކަން ދެއްވުން. އާމީން.
އިހުމާލު
ޖޫން 3, 2021
އެމީހެއްގެ އިހުމާލު އޮތްތޯ ބަލަންވާނީ އެމީހަކު އަމިއްލަޔަށެވެ