އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ބޮޑުވުމާ ގުޅިގެން، އެ ހޮސްޕިޓަލްގައި 10 ޕްރައިވެޓް ކޮޓަރި ހިމެނޭ ތިން ބުރީގެ އާ އިމާރާތެއް އެޅުމަށް ބޮޑު މަޝްރޫއެއް ފަށައިފިއެވެ. ބީއެމްއެލްގެ މަޝްރޫއެއްގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަކީ އޭއީއެޗުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ފެށި މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއަކީ ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ޑިޒައިން އެންޑް ބިލްޑް މޮޑެލްއަށް ކުރިއަށްގެންދާ މި މަސައްކަތް ހަވާލުކުރާ ކޮންޓްރެކްޓަރަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރާނެއެވެ. މި އިމާރާތް ނިމުމުން ހޮސްޕިޓަލުގެ ޕްރައިވެޓް ކޮޓަރިތަކަށް އޮތް ބޮޑު ޑިމާންޑަށް ހައްލެއް ލިބިގެންދާނެއެވެ.
މި އިމާރާތުގެ އިތުރުން ވެސް އޭއީއެޗުގެ ހިދުމަތްތައް ފުޅާކުރުމަށް ޖުމްލަ 150 މިލިއަން ރުފިޔާގެ ތަފާތު މަޝްރޫއުތަކެއް ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގައި މިހާރު ހުރި އެގްޒެކެޓިވް ކޮޓަރިތައް އިންޓަނޭޝަނަލް މިންގަނޑަށް ބަދަލުކުރުމަށް 20 މިލިއަން ރުފިޔާ ހަރަދުކުރުން ހިމެނެއެވެ. އަދި ރާއްޖޭގެ ދެކުނުގައި ފީނާ މީހުން ގިނަވުމާއެކު، ޑީކޯވާ މީހުންނަށް އަވަސް ފަރުވާ ދިނުމަށް ބޭނުންވާ ހައިޕަރބެރިކް ޗެމްބަރެއް ބެހެއްޓުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމކުރައްވަމުން އޭއީއެޗްގެ ސީއީއޯ ޑރ. އަހުމަދު އަދީލް ނަސީރު ބުނީ، ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ތެރެއިން ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު ތަރުހީބެއް ލިބެމުންދަނީ ޕްރައިވެޓް ކޮޓަރީގެ ހިދުމަތަށް ކަމަށެވެ. އެހެންވެ، މި ބޭނުން ފުއްދުމަށް އާ އިމާރާތެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އޭނާ ބުންޏެވެ.
އޭއީއެޗުން ބުނީ، އަލަށް ތައާރަފުކުރާ މި ހިދުމަތްތަކުގެ އިތުރުން، ތެރަޕިއުޓިކް ފަރުވާތައް ފުޅާކުރުމާއި އެ ކަންކަމަށް ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. މިއީ މުޅި ދެކުނުގެ އަތޮޅުތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ތަރައްގީގެ މުހިންމު މަސައްކަތްތަކެކެވެ.
ރާއްޖޭގެ ދެކުނުގެ ރަށްތަކުގެ މީހުން ކުއްލި ހާލަތްތަކުގައި އެންމެ ބޮޑަށް ބަރޯސާވާ މަރުކަޒަކީ އޭއީއެޗް ކަމަށްވާއިރު، މި މަޝްރޫއުތައް ނިމުމުން ބޭސްފަރުވާއަށް މާލެއަށް ދާންޖެހޭ މިންވަރު މަދުވާނެއެވެ. މީގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭއީއެޗުން ގަބޫލުކުރެއެވެ.