އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މެޑިކަލް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު 15 ދަރިވަރަކަށް ހުޅުވާލައިފިއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގެ ހޮސްޕިޓަލެއްގައި މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މޭ މަހުގެ 25 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އާ ހަމައަށް އޮންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މި އިންޓާންޝިޕަށް ކުރިމަތިލާ ފަރާތްތަކަކީ މެޑިކަލް ކޮލެޖަކުން ނުވަތަ ޔުނިވަރސިޓީއަކުން އެމްބީބީއެސް ފުރިހަމަކޮށްފައިވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ. އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ސައްހަ ރެޖިސްޓްރޭޝަނެއް އޮތުމާއެކު، ވޭތުވެދިޔަ 5 އަހަރު އެއްވެސް ޕޮލިސް ރިކޯޑެއް އޮވެގެން ނުވާނެއެވެ. ޝަރުތު ހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، އިސްކަންދޭނީ ކޯސް ނިންމި ފަހުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށެވެ.
އޭއީއެޗް އިން ބުނީ އިންޓާންޝިޕަށް އެދޭ ފޯމުތައް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން މެންދުރުފަހު 14:00 އާ ހަމައަށް ހޮސްޕިޓަލަށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ ކަމަށެވެ. ފޯމާއެކު އެމްބީބީއެސް ސެޓްފިކެޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީއާއި އެހެނިހެން މުހިއްމު ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ. މިއީ އަތޮޅުތެރޭގައި ސިއްހީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.