English Edition
Dhivehi Edition
އޭއީއެޗްގެ ކެތްލެބްގެ ޑޮކްޓަރުން

ރާއްޖޭގެ ދެކުނުގެ ސިއްހީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދީ، މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ހާޓް އެޓޭކް ޖެހޭ މީހުންނަށް ދޭ އަވަސް ފަރުވާ ނުވަތަ ޕްރައިމަރީ ޕީސީއައިގެ ހިދުމަތް އައްޑޫ ސިޓީގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ.

މި މުހިންމު ހިދުމަތް ފަށާފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން ކުރިއަށްގެންދިޔަ ހާއްސަ މަސައްކަތްތަކެއްގެ ތެރެއިންނެވެ. މިގޮތުން، ހާޓް އެޓޭކަށް ދޭ އަވަސް ފަރުވާގެ އިތުރުން، ހިތުގެ މައްސަލަތަކަށް ބޭނުންވާ އައިސީޑީ އަދި ޕާމަނަންޓް ޕޭސްމޭކަރު ހަރުކުރުމުގެ ހިދުމަތް ވެސް އައްޑޫގައި ވަނީ ތައާރަފުކޮށްފައެވެ. އަދި މި ޓީމުން ވަނީ އެގާރަ އެންޖިއޯގްރާމާއި ހަ އެންޖިއޯޕްލާސްޓީ ހަދައި، ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ފަރުވާތައް ދީފައެވެ.

މިއީ ސިއްހީ ހިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ހިދުމަތްތައް އައްޑޫގައި ފެށުމާއެކު، ހިތުގެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ދެކުނުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރައްވައި ތަރައްގީކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަހައްޓަވާ ހާއްސަ އިސްކަމާއި ދެއްވާ އެހީތެރިކަމަށްޓަކައި، ހޮސްޕިޓަލުގެ ފަރާތުން ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. މިއީ ސިއްހީ ދާއިރާއިން އައްޑޫ ސިޓީއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ދެކުނުގައި މި ހިދުމަތްތައް ފަށައި، ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ހާއްސަކޮށް ނެޝަނަލް ކާޑިއެކް ސެންޓަރުގެ ޓީމުން ކުރެއްވި ބުރަ އަދި ނަމޫނާ މަސައްކަތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ވެސް ވަނީ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

ޓެގު