އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިހުމާލުން މީހެއްގެ އެއް ލޮލަށް ބޮޑެތި ގެއްލުންތަކެއް ލިބި ލޮލުގެ ފެނުން ގެއްލުނު މައްސަލަ ފެންމަތިވެއްޖެއެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު އޭއީއެޗްއިން އައްޑޫ ސިޓީ ފޭދޫ ކީރަންމާގެ، އަބްދުﷲ އިބްރާހީމް (86އ) ގެ ލޮލުގެ ފުސް ކެހުމަށް ކުރި އޮޕަރޭޝަނަށް ފަހު އޭނާގެ ލޮލުގެ ފެނުން ގެއްލިފައިވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އާއިލާއިން ބުނީ 30 މިނިޓް ތެރޭގައި ކުރެވޭ އޮޕަރޭޝަނެއް ނިންމުމަށް ގިނަ އިރުތަކެއް ނެގި ކަމަށެވެ. އަދި އޮޕަރޭޝަނަށް ފަހު އަބްދުﷲ އާއި ވާހަކަ ދައްކުމުން އޮޕަރޭޝަން ކުރިއަށް ދިޔަ އިރު އޭނާ ރަނގަޅަށް އައްސިނުވާކަން އެނގިގެން ދިޔަކަމަށެވެ. ދި އެކަން ޑޮކްޓަރަށްވެސް އެންގިކަމަށް އަބްދުﷲ ބުނެފައިވާކަމަށާއި ލޮލަށް އެއްޗެއް ކޮއްޕުމުން ކޮންމެ ފަހަރަކު ތަދުވެގެން އުޅެން ފެށުމުން އިންޖެކްޝަނެއް ޖަހާކަންވެސް އޭނާގެ ވާހަކަތަކުން އެގުނު ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
އިތުރަށް އޭނާގެ އާއިލާއިން ބުނީ އޮޕަރޭޝަނަށް ފަހު އެންމެ ފުރަަތަމަ ޑޮކްޓަރު އެއްވެސް މައުލޫމާތެއް އާއިލާއާއި ހިއްސާކޮށްފައި ނުވާކަމަށެވެ. އަދި އަބްދުﷲ ގެ ލޮލުން ލޭ އަންނަން ފެށުމުން އާއިލާއިން މައްސަލަ ޖައްސާ ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން ޑޮކްޓަރާ، އަދި ހޮސްޕިޓަލުގެ މެނޭޖްމެންޓާ ވާހަކަދެއްކުމުގެ ފުރުސަތު ލިބުނު ކަމަށް އާއިލާއިން ވަނީ ބުނެފައެވެ، އޮޕަރޭޝަން ތެރޭގައި ޑޮކްޓަރު އަތުން ލޮލުގެ މެމްބްރައިން ކަނޑައިގެން ދިޔަ ވާހަކަ އާއިލާއާއި ހިއްސާކޮށް ޑޮކްޓަރު ވަނީ އެތަން ރަނގަޅުވާން އެއް ހަފްތާވަރު ނަގާނެކަމަށް ބުނެފައެވ. އަދި ލޮލުގެ މެމްބްރައިން ކަނޑައިގެން ދިއުމުގެ ސަބަބުން އަބްދުﷲގެ ލޮލަށް ލެންސް ނުލެއްވޭކަންވެސް ޑޮކްޓަރު އެންގީ އެ ބައްދަލުވުމުގައި ކަން އާއިލާއިން ފާހަގަކުރިއެވެ،
އަބްދުﷲ ހޮސްޕިޓަލުން ގެއަށް ދޫކޮށްލި ދުވަހު ޑޮކްޓަރު ވަނީ މި މަހުގެ 3 ވަނަ ދުވަހު ދެއްކުމަށް އެޕޮއިންޓްމަންޓެއްވެސް ދީފައެވެ. އަދި އެ ދުވަހު ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުން ބެލުމަށްފަހު އެއްވެސް މައްސަލައެއް ނެތްކަމަށާއި ހީލްވަމުންދާ ކަމަށް ބުނެފައިވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ޑޮކްޓަރު އަބްދުﷲ މާލެ ގެންދިއުމަށް ރިކޮމެންޑުކުރުމާއި އަދި އަބްދުﷲ ލޮލަށް ތަދުވެ، ލޮލުގައި އެއްޗެއް ޖެހޭ ވާހަކަ ތަކުރާރުކޮށް ބުނަމުން ދިއުމާއި ގުޅިގެން އާއިލާއިން ނިންމީ އޭނަ ގޮވައިގެން މާލެ އައުމަށެވެ.
އަބްދުﷲގެ އާއިލާއިން، މާލެއަށް ގޮސް އައިކެއާގައި ހުރި ލޮލުގެ ޑޮކްޓަރަށް ދެއްކުމުން އަބްދުﷲ ގެ ލޮލުގެ މެމްބްރައިން ކަނޑައިގެން ދިޔަތަނަށް އެއްވެސް ފަރުވާއެއް ދެވިފައި ނުވާކަމާއި ސްޓިޗްވެސް ނުކޮށް ހުރިކަން އެނގިގެން ދިޔަކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެއައިކެއާގެ ޑޮކްޓަރުން ބެލި ބެލުމުން އަބްދުﷲގެ ލޮލުގެ ކަޅިވެސް ތިރިއަށް ޖެހިފައިވާކަން އެގުނުކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި ފާރުގަނޑު ހުޅުވިފައި ހުރުމުން ޑަސްޓްތައް ލޮލަށް ފެތުރިފައިވާއިރު ފާރުގަނޑު އެއްވެސް ވަރަކަށް ހީލްވެފައެއް ނުވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
އޭއީއެޗްގެ ޑޮކްޓަރުގެ އިހުމާލުން އަބްދުﷲގެ އެއް ލޮލުގެ ފެނުން ގެއްލި ކަޅީގެ ޕޮޒިޝަން ގެއްލިފައިވާއިރު އާއިލާއިން ވަނީ މި މައްސަލަ ރަސްމީކޮށް ހުށަހަޅާނެކަމަށް ބުނެފައެވެ. އަދި މިފަދަ ކަންކަން ތަކުރާރުވެ އިތުރު މީހަކަށް ގެއްލުމެއް ލިބުމަށް ނޭދޭކަމަށް އާއިލާއިން ބުނެފައިވާއިރު މި މައްސަލަ ފެންމަތިވުމާއި ގުޅިގެން އޭއީއެޗް އިން އިސްނަގައިގެން މި މައްސަލަ އަންނަނީ ބަލަމުންނެވެ.