English Edition
Dhivehi Edition

ކޮވިޑް19 ގައި ރޭ ނިޔާވި ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވި މައްސަލައިގައި އެއްވެސް އިދާރާއެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފިއެވެ.

މީގެ 7 ދުވަސްކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މިޝްކާގެ ހާލު، ކުއްލިއަކަށް ރޭ ގޯސްވާން ފެށުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅިޔަސް، އެމްބިއުލާންސް އައީ ދެ ގަޑިިއިރަށް ވުރެ ގިނައިރު ވީ ފަހުންނެވެ.

ރޭ 12:10 ހާއިރު އައިޖީއެމްއެޗް އެމެޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށް މިޝްކާ ނިޔާވި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަމުންދާއިރު އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް ވިދާޅުވީ އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ކަމާއި ބެހޭ އިދާރާތަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

މިޝްކާ އަށް ފަރުވާ ދިނުން ލަސްވި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމްވެސް ވަނީ ހުށަހަޅާފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އެޑްރެސްކޮށް ހައިތަމް ފޮނުވި ސިޓީގައި ވަނީ ކުއްލި ހާލަތްތަކުގައި ފަރުވާ ލަސްވުމުގެ ޝަކުވާ މީގެ ކުރިން ވެސް ލިބޭ ކަމަށެވެ. އަދި މިކަން ތަކުރާރުވާ ސަބަބު ދެނެގަތުމަށާއި ޒިންމާ ނަގަންޖެހޭ ފަރާތްތަކާ ސުވާލު ކުރުވެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.