English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ ފޮޓޯ: އޭއޯ ނިއުސް

އައްޑޫ ސިޓީގައި ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވި އެ ސިޓީގެ ހާލަތު މި ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އިއްޔެ އެކަނިވެސް އައްޑޫ އިން 86 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދުވަނީ 349 އަކަށް އަރާފައެވެ. އައްޑޫ ސިޓީގައި އެންމެ ބޮޑަށް ބަލި ފެތުރެމުން އަންނަ ހިތަދޫ އާއި މީދޫގެ އިތުރުން އިއްޔެ ފޭދޫއިންވެސް ގިނަ އަދަދެއްގެ ބަޔަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ފޭދޫއިން ޖުމްލަ 31 ފަރާތެއް ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އެ އަވަށުގެ ޖުމްލަ އަދަދުވަނީ 58ކަށް އަރާފައެވެ.

ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ހިތަދޫ އިންވެސް އިއްޔެ 31 މީހަކު ޕޮޒިޓިވްވެފައިވާއިރު އެ އަވަށުގެ ޖުމްލަ އަދަދު ވަނީ 158 ކަށް އަރާފައެވެ. މީދޫ އިން އިއްޔެ 15 މީހަކު ޕޮޒިޓިވްވެފައިވާއިރު އެ އަވަށުގެ ޖުމްލަ ވަނީ 67ކަށް އަރާފައެވެ. މަރަދޫފޭދޫ އިން އިއްޔެ 05 މީހަކު ޕޮޒިޓިވްވެފައިވާއިރު އެ އަވަށުގެ ޖުމްލަ ވަނީ 19 އަށް އަރާފައެވެ. އިއްޔެ މަރަދޫ އިން ދެ މީހަކު ޕޮޒިޓިވްވެފައިވާއިރު ހުޅުދޫ އިން ވެސް ޕޮޒިޓިވްވެފައިވަނީ ދެ މީހުންނެވެ.

ހުޅުދޫގައި ކޮވިޑްގެ އެކްޓިވް ކޭސްތައް 29 އަށް އަރާފައިވާއިރު މަރަދޫގެ އެކްޓިވް ކޭސްތަކުގެ ޖުމްލައަކީ 05ކެވެ. އައްޑޫ ރިސޯޓްތަކުން 09 މީހަކު ޕޮޒިޓިވްވެފައިވާއިރު ޕޮޒިޓިވްވެފައިވާ ވަކި އެހެނިހެން ހިސާބުތަކުން 04 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އައްޑޫ އީއޯސީ އިން އެހެނިހެން ގައި ހިމެނިފައިވަނީ ކޮން ސަރަހައްދެއްގައި އުޅެމުންދާ ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.

އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެ ސިޓީގައި ހޮސްޕިޓަލުގައި ބާއްވައިގެން އެކަކަށް އަންނަނީ ފަރުވާ ދެމުންނެވެ.