English Edition
Dhivehi Edition

” ކަރު ދޮށުގައި ހިނި ހަފާހެން ހީވޭތަ؟”. ޑޮކްޓަރ މިއެހީ ހެއްވާއެއްޗެއް ނަމަވެސް ހެނދުނުން ފެށިގެން އޭނާއަށް އެކަހަލަ ގޮތެއް ވާހެން ހީވަމުން އައެވެ.

އޭނާއަށް ހެވުމަށް ވުރެން ބޮޑަށް ލިބުނީ ހައިރާންކަމެކެވެ. “އާނ!”

” އެއްވެސް ވަރަކަށް މިއަދު އަލަނާސި ކެއިންތަ؟” ޑޮކްޓަރގެ ނޫ ލޯ އޭނައަށް އަމާޒުވެފައިވާގޮތުން ކުއްލި ހާސްކަމެއް ލިބުނެވެ. “އާނ!. ކިހިނެއް އެނގުނީ”. ރީމާގެ ހާސްކަން ނުދައްކަން އުޅުނެވެ.

ޒިޔާން އޭނާގެ ބޮލުން ދޫކޮށްލާފައި ގޮސް އަތްދޮވެލިއެވެ. މިއީ ރީމާ ވަރަށް ނުރުހުނު ކަމެއް ނަމަވެސް ޑޮކްޓަރުންނަށް ވެފައި ހުންނަ އާދައެއް ހުންނާނެތާއޭ އޭނާ ހިތަށްއެރިއެވެ.

“ނު ތެދުވެ 15 ވަރަކަށް މިނިޓް އޮވޭ” ޒިޔާން އަމުރު ކުރިއެވެ. އޭނާގެ ބެކްޕެކުން ދެތިން ގުޅަ ބޭސް ނަގާދީފައި ބުންޏެވެ.”ކެއުމުގެ ކުރީގައި މި ބޭސް ކާލާތި. ކަރުދޮށުގައި ފިތް ނަގައިފިއްޔާ އަހަންނަށް ގުޅާތި.”. މިހެން ބުނެފައި އެޑްރެއް ކާޑެއް ދިނެވެ. އަދި ނުކުންނަމުން ޒިޔާން ބުންޏެވެ.” އަހަރެންނާ އެކު މިރޭގެ ކެއުމުގައި ބައިވެރިވާންވީނު”.

“ނޫން. ޝުކުރިއްޔާ!. ރައްޓެހި ބަޔަކާ އެކީ ކާން ދިއުމަށް ހަމަޖެހިފަ އޮތީ”.

ރީމާއަށް ނިދުނު ކަމެއް ނޭނގެއެވެ. ހޭލެވުނުއިރު ހުރީ 8 ޖަހަން ކާރިވެފައެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ރެސްޓޯރަންޓަށް ދާންނުކުމެ ހިނގައިގަތް އިރަކު އެއީ ހިނގާފައިދެވޭހާ ކާރީތަނެއް ނޫންކަން ހަނދާނެއް ނެތެވެ. އެހެންނޫނަސް މިހާ އަނދިރި މަގަކުން މި ރޭގަނޑު އޭނާ އެކަނި އެހާ ހިސާބަށް ދިއުމަކީ މާ ފަސޭހަ ކަމެއް ނޫންކަން އޭނާއަށް އެނގުނެވެ. މިހެން ކަމުން އަނބުރާލާފައި ކޮޓަރިއަށް ދާން ހިނގައިގަތްތަނާ އެދިމާއަށް ޑޮކްޓަރ ޒިޔާން އަންނަތަން ފެނުނެވެ. އެހެންނަމަވެސް އަނެއްފަހަރު ޑޮކްޓަރގެ އަތްދަށުވާކަށް އޭނާ ބޭނުމެއް ނުވިއެވެ.

“މިހާރު މުޅިން ގަދަވެއްޖެ ކަމަށް އެބަ ފެނޭ”. ޒިޔާން ހިނިތުންވެލިތަން ރީމާއަށް ފެނުނު ފުރަތަމަ ފަހަރަކީ މިއީއެވެ. އަދި އޭނާގެ ހަރަކާތުގައި ސީރިއަސް ކަމެއް ފެންނަން ނެތުމުން ރީމާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.” އަހަރެން މިދަނީ ސަދަން ރެސްޓޯރަންޓަށް. މެއިން ރެސްޓޯރަންޓް އޮތީ ވަރަށް ބޮޑަށް ފުރިބާރުވެފަ. އަހަރެންގެ ރޭގަނޑު ހޭދަކުރަން ބޭނުމީ ހަމަހިމޭން ތަނެއްގަ” ޒިޔާން ބުނެލިއެވެ. “މިތާ ވަރަށް ކާރީގައި ހުންނަ ހަމަ ހިމޭން ރެސްޓޯރަންޓެއް އެއީ. ނުދާނަންތަ؟”

ރީމާއަށް މިވަގުތު ދެއްކޭނެ ބަހަނާއެއް ނެތެވެ. އަނބުރާލާފައި ކޮޓަރިއަށް ދާވަރަށްވުރެން ބޮޑަށް އޭނާ ހުރީ ބަނޑުހައިވެފައެވެ. ހިނގާފައި މެއިން ރެސްޓޯރަންޓަށް ދާން ޚިޔާލުވެސް ކުރާނެކަމެއްނެތެވެ. އެހެންކަމުން އެ ވަގުތު ޒިޔާންގެ ދައުވަތު ގަބޫލު ކުރުން ނޫން އެހެންގޮތެއް ނެތެވެ.

ކެއުން ނިމި އައިސްކްރީމްގެ ބުރު ނިމުނުފަހުންވެސް އެތައް އިރަކު ސާޖިދުމެން އެތަނުގައި މަޑުކޮށްގެން ތިއްބެވެ. ސާޖިދު އެތާ ލަސްކުރީ ކީއްވެކަން ދެންތިބި މީހުނަށް ނޭނގުނު ނަމަވެސް ރީމާއަށް އެކަން އެނގެއެވެ. ރީމާ ނައިކަން ޔަގީންވުން ޒިލްމާ އިނީ އުފަލުން ފުރިފައެވެ. މިހާތަނަށް ޒިލްމާ ފެނިފައި ނުވާކަހަލަ އާ ވިދުވަރެއް އޭނާގެ މޫނުން އެރޭ ސާޖިދައްވެސް ފެނިގެންދިޔައެވެ.

ރޭގެ އެންމެ ޚާއްސަ ޕްރޮގްރާމަކަށް ހިމެނިފައި އޮތީ އެރޭ ސްޓޭޖްމަތީގައި އޮތް ކުލަގަދަ ޝޯއެވެ. ޝޯއަކީ މިހާތަނަށް ރާއްޖޭގައި އެއްވެސް ތަނަކުން ފެނިފައި ނުވާހާ ފުރިހަމައަށް ތައްޔާރުވެފައިވާ ޝޯއެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މުޅި ތަނުގެ ދިއްލުންތަކަށް ޚާއްސަކޮށް ގެނެވިފައިވަނީ އިންޑިއާގެ ބޮލީވުޑްގައިވެސް އެފަދަ ޝޯ ތައްޔާރުކުރުމުގައި އުޅެމުންދާ މަޝްހޫރު ޓީމެކެވެ. ޝޯ ހުށަހެޅުމަށް ގެނެވިފައިވަނީވެސް ހަމަ އެފަދަ ކުޅަދާނަ ހުށަހެޅުންތެރިންނެވެ. މި ޝޯއަށް އިތުރު ފުރިހަމަކަމެއް އައިސްފައިވަނީ ސުޝްމިތާ އާއި ރާނީމުކަރޖީ ފަދަ ތަރިންގެ ކުޅަދާނަތަރިން މިނިވަންކަމާއެކު ހުށަހަޅާދެމުން ގެންދިޔަ ހިތްގައިމު ލަވަތަކާއި ނެށުންތަކުންނެވެ. ތަފާތު ކުލަތަކުން މިއުޒިކްގެ ހަމަޔަށް ނަށާ އަލިތަކުގެ ޖާދޫގައި ޖެހި އެއްވެފައިވާ ދިވެހި މެހުމާނުންނާއި ޓުވަރިސްޓުންވެސް އުފާކުރަމުން މަޖާކޮށް ނަށަމުން ދިޔައެވެ.

ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ރައީސް ވަޑައިގެން އިންނެވިކަމީ މުޅި ރަށަށް ލިބިފައިވާ މަތިވެރި ޝަރަފެއް ކަމުގައި ހިމެނިފައިވެއެވެ.

މި އުފާވެރި މާހައުލުގައި ހިތާމަވެރިކަމަކަށް އެއްވެސް ޖާގައެއް ނެތް ނަމަވެސް އަޅުގަނޑުމެންގެ ސާޖިދު ވަނީ ނޭނގޭ ބާވަތެއްގެ ހިތްދަތިކަމަކުން ފުރިފައެވެ. ފެހިކުލައިން ދިއްލިފައިވާ ސްވިމިންގޕޫލްގެ ކާރިން ސްޓޭޖާ ދިމާއަށް ދާން އޮންނަ ހަނިމަގުން ހިނގަމުން ދިޔައިރު ޒިލްމާ ހުރީ ސާޖިދްއާ ޖެހިފިތިފައި ހުންނަހާ ކާރީގައެވެ. އެއްވެފައިވާ ގިނަ މީހުންގެ ތެރޭން ރީމާ ހޯދުމަކީ އެ ބީޗަށް ވެއްޓިފައިވާ ތިނޯހެއް ހޯދުންވަރުގެ ކަމެއްކަން އެނގުނެވެ. ތަނުގެ މާހައުލުގެ ގޮތުންނާއި އޭނާގެ ހިތަށް ވެރިވެފައިވާ ޖަޒްބާތުގެ ތޫފާނުގައި ޖެހެވި ސާޖިދަށް އޭނާގެ ހިޔަންޏެއްގެ ގޮތުގައި އެވަގުތު ހުރި ޒިލްމާގެ އަތުގައި ހިފަހަށްޓާލެވުނެވެ. ސާޖިދުގެ މި ކުޑަކުޑަ ހަރަކާތާއެކު ޒިލްމާ އަށް ހީކުރެވުނީ މުޅި ދުނިޔޭގައިވާހައި އުފަލެއް އެއްފަހަރާ އޭނާގެ ހިތަށް ބަންޑުންވެގެން ދިޔަހެންނެވެ.

ސަދަން ރެސްޓޯރަންޓްގެ މޫދާވީފަޅީގައި ހުރި އެކަނިވެރި މޭޒެއްގައި ރީމާއާއި ސާޖިދު ހަމަހިމޭންކަމާއެކު މީރުކެއުންތަކަށް އިންސާފު ކުރަމުން ގެންދިޔައެވެ. 16 ވިލޭރޭގެ ހަނދު އުދަރެހުންފާއްދާލި ހިތްގައިމު މަންޒަރު ހުރަހެއްނެތި އެތަނަށް ފެނިގެންދިޔައެވެ. ހަނދުއަރާ މަންޒަރަކީ ރީމާ އަބަދުވެސް ވަރަށް ބަލާހިތްވާ މަންޒަރެކެވެ. އޭނާ ހަމަހިމޭންކަމާއެކު ނޭވާ ހިފަހަށްޓާ ފަދަ އެމަންޒަރަށް ބަލަން އިނެވެ.

އެ ވޭތިވެ ދިޔަ ގަޑިއެއްހާ އިރު ދެމީހުން ދައްކަމުންދިޔައީ ކިޔަވަންއުޅުނު އިރު ދިމާވި އެކިއެކި މަޖާކަންތަކުގެ ވާހަކައެވެ. މިކަހަލަ މަޖާ ވާހަކަތަކެއް ދައްކަމުން ދިއުމުން އެ ވަގުތުވީ ދެމީހުނަށްވެސް ވަރަށް އުފާވެރި ހިތްގައިމު ވަގުތުކޮޅަކަށެވެ. މި ވާހަކަތަކުގެ ތެރޭގައި ދެމީހުންގެ އަމިއްލަ ހަޔާތާ ބެހޭ ވާހަކަތަކެއް ނުދެކެވުނުނަމަވެސް ދެމީހުންގެ ރައްޓެހިކަން ޑޮކްޓަރ ޕޭޝަންޓަކަށްވުރެން ކާރި ވެގެން ދިޔައެވެ. އަދި ތަނުގެ މާހައުލުގެ ހިތްގައިމުކަމުގެ ތެރޭގައި ރީމާއަށް ޒިޔާން ފެންނަނީ ކުރީގައި އޭނައަށް ފެންނަ ހަރުކަށި ޑޮކްޓަރ އާއި ޚިލާފަށް މަޖާ މިޒާޖެއްގެ ޒުވާނެއްގެ ގޮތުގައެވެ. އެހެންކަމުން އޭނާއަށް ޒިޔާންއާ މަޖާކޮށް ވާހަކަ ދެއްކުމަކީ ފަސޭހަ ކަމަކަށް ވެގެންދިޔައެވެ.

ކެއުމުގެ ކަންތައް ނިމުނު އިރު ސްޓޭޖްމަތީގެ މިއުޒިކްގެ އަޑު އިވެންފަށައިފިއެވެ. ރީމާގެ ބޮލުގެ ރިއްސުމުގެ އަސަރެއް މިހާރަކު ނެތެވެ. އެހެންކަމުން އޭނާ ގަސްތުކުރީ ޝޯ އޮތް ތަނަށް ދިއުމަށެވެ. ޒިޔާން ވެސް އެ ދިމާއަށް ދާތީ ދެމީހުން އެކުއެކީގައި ރަށުގެ އިރުމަތީފަރާތުގެ ގޮނޑުދޮށުގައި ހަދާފައިވާ އިސްޓޭޖްކާރިއަށް ދިއުމަށް ހިނގައިގަތެވެ. ރީމާ އެތަނަށް ދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ޝޯ ބެލުމަށް ވުރެން ބޮޑަށް ސާޖިދު ފެނޭތޯއެވެ. އޭނާގެ ފޯނަކަށް ސާޖިދުގެ ނަމްބަރެއް ލެވިފައި ނެތްކަމަކީ މިކަމުގައި ދިވާވި އެންމެ ބޮޑު މަސްއަލައެވެ. އެހެންކަމުން އެ ގިނަމީހުންގެ ތެރޭން ސާޖިދު ހޯދުމަކީ ނުވާނެކަމެއްކަން ޔަގީންވިއެވެ.

ޝޯގެ އަޑު ގަދަކަމާއި ކުލައަލިތަކުގެ އަވަސް ހަރަކާތްތައް އެކުވެގެން ރީމާގެ ކަންފަތަށާއި ލޮލުގެ ހިއްސުތަކަށް އަންނަންފެށި ބަދަލުތަކާއެކު އޭނާއަށް ނޭނގޭ ކަހަލަ ގޮތްތަކެއް ވާން ފަށައިފިއެވެ. އެއްވެސް އިޚްތިޔާރެއްނެތި އޭނާއަށް ޑޮކްޓަރ ޒިޔާންގެ ގަޔަށް ލެނގިލެވުނެވެ. ހަމަ އެއާއެކު ޒިޔާން އޭނާއަށް ހިމާޔަތްދީ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ.

ޒިޔާން އެވަގުތު އެ އަނދިރިކަމުގެ ތެރޭން އޭނާގެ ކަރުދޮށާއި ކަނދުރާގެ ދެފަރާތް ވަރަށް ކާރިން ބަލާލިއެވެ. ރީމާގެ ކަރުދޮށުގައި ނަގާފައިވާ ބޮޑެތި ފިއްގަނޑުތައް ފެނުމާއެކު އަވަހަށް ރީމާ ގޮވައިގެން އެއްގަމާވީ ފަރާތަށް ހިނގައިގަތެވެ.

މި މަންޒަރު ފުރަތަމަ ފެނުނީ ޒިލްމާއަށެވެ. އޭނާ ސާޖިދުގެ އަތަށް ސިގްނަލެއް ދޭފަދަ ގޮތަކަށް ފިތާލިއެވެ. ސާޖިދު ބަލާލިއިރު ރީމާއާއި ސާޖިދު ތިބީ ވަކިކުރަން ނޭނގޭހާ ބޮޑަށް އެކަތިގަނޑެއްގެ ގޮތުގައެވެ. އަރާފައިވާ ހަނދުގެ ކުރިމަތީގައި ކުރެހިފައިވާ ހިޔަންޏެއްގެ ގޮތުގައެވެ.

އެވަގުތުކޮޅު ހިމެނުނީ ސާޖިދުގެ ހަޔާތަށް އައިވަރުގަދަ ތޫފާނަކަށެވެ. އެތަނުން ފެންނަ ކޮންމެ އަލިކޮޅެއް ހީވަނީ އޭނާގެ ހިތުގައި ރޯކޮށްލެވޭ އަލިފާނެއްހެންނެވެ. އިވޭ ކޮންމެ އަޑެއް ހީވަނީ ތޫފާނެއްގެ ގުގުރުމުގެ އަޑުހެންނެވެ. އޭނާއަކަށް އެތާނކު ދެން ކެތެއް ނުކުރެވޭނެއެވެ.

ސާޖިދު އެތަނުން ހިނގައިގަތުމުން ޒިލްމާވެސް އޭނާގެ ފަހަތުން އައެވެ. އަދި ސާޖިދުގެ ކޮޓަރީގެ ދޮރާހަމައަށް އައިސްފައި އަހާލިއެވެ.

“އަޅުގަނޑު އިރުކޮޅަކު ސާޖިދުގެ ގާތުގަ މަޑުކޮށްލިޔަސް ހެޔޮތޯ”.

“އެންމެ ރަނގަޅު. މިރޭ ނިދޭނެހެނެއް ހިއެއްނުވޭ.” ސާޖިދުވެސް ހުރީ އެކުގައި ވަގުތު ހޭދަކޮށްލާނެ ބައިވެރިއަކަށް ބޭނުންވެފައިކަން ޒިލްމާ އަށް އެނގެއެވެ. “ޒިލްމާގެ އިތުރު ޕްރޮގްރާމެއް ނެތްނަމަ މަޑުކޮށްލިޔަސް ހެޔޮ. މި ކޮޓަރި ޝެއަރ ކުރާ މުސްތާގު މިރެއަކު ނާންނާނެ”.

ޒިލްމާ ބޭނުންވީ އެ ފުރުސަތެވެ. ފިރިހެނެއްގެ ހިތް އެންމެ އަވަހަށް ކާމިޔާބު ކުރެވޭނީ އޭނާ ބަނޑުހައިވެފައިވާ ވަގުތު ކާން ދޭ އަންހެނަކަށް ކަމަށް މީހުން ބުނެއުޅެއެވެ. ހަމަ އެފަދައިން ލޯބީގެ ބާޒީގައި ނާކާމިޔާބުވެ ހާންތިވެފައިވާ ވަގުތަކީވެސް އެފަދަ ދަނޑިވަޅެއްކަން އޭނާގެ ތަޖްރިބާއިން އެނގިފައިވެއެވެ.

ކޮޓަރީގެ މޫދާވީފަރާތު ދޮރު ހުޅުވާލާފައި ސާޖިދު ނުކުތީ ބޭރަށެވެ. އަދި ފެންޑާގައި ބަހަށްޓާފައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އޭރު ޒިލްމާ ޑްރެސިންގ ޓޭބަލްގެ ކާރީގައި އިނދެ އޭނާގެ މޭކަޕް ތާޒާކޮށްލިއެވެ. ލިޕްސްޓިކް ކުލަގަދަކޮށްލުމަށްފަހު ދަބަހުންނެގި ޕެރިސްހިލްޓަން ސެންޓްފުޅިއަކުން ދީލަތިކަމާއެކު ސެންޓް ބުރުވާލިއެވެ. މޫނުބަލާ ލޯގަނޑުން އޭނައަށް ފެނުނު ސިފައާމެދު ހިތް ހަމަ ޖެހުމުން ކޮޓަރީގައި ހުރި މިނީބާރ ހުޅުވާލިއެވެ. ފެންބޮވާފައިވާ ވަގުތު ފެންދިނުމަކީވެސް ފިރިހެނެއްގެ ހިތް ކާމިޔާބު ކޮށްލެވިދާނެ ކަމެއް ކަމަށް އޭނާ ވިސްނާލިއެވެ. ޒިލްމާ ސާޖިދަށްޓަކައި ޚާއްސަކޮށް ބުއިމެއް ތައްޔާރު ކޮށްލުމާއެކު އޭނަވެސް ތަށްޓެއް އަޅާލިއެވެ.

ސާޖިދު ނިއްކުރީގައި އަތް ބާއްވައިގެން އޮށޯވެ އޮތް ގޮނޑީގެ އަތްގަނޑުމަތީ ޒިލްމާ އިށީނެވެ. ސާޖިދަށް އެ ތަށި ދިނުމަށް އޭނާ ގުދުވެލުމާއެކު މޫދުންއައި ފިނިވައިރޯޅިއާއެކު އޭނާގެ އިސްތަށިގަނޑުން ސާޖިދުގެ މޫނުގައި ފިރުމާލެވުނެވެ. ވަގުތާއި މާހައުލުގެ ޖާދުވީ މަސްތުކަން ސާޖިދުގެ ހިއްސުތަކުގެ މައްޗަށް ބާރު ނުފޯރުވައިފިނަމަ ބެލެވޭނީ އިންސާނީ ސައިކޮލޮޖީ ފޭލްވެފައިވަނީ ކަމަށެވެ. އަރައިގެން އައިސްފައިވާ ހަނދު ވިލާގަނޑެއްގެ ތެރެއަށް ވަދެ ގެއްލުނީ ޒިލްމާއަށްޓަކައިކަމަށް އޭނާ ހީކުރިއެވެ. އޭނާގެ ހިތް އެހާ ބާރަށް ތެޅިގަތީ އެހެންވީމައެވެ.

ރީމާގެ ހިތުގެ ހިނގުން އަވަސްވެފައިވެއެވެ. އޭނާ އޮތީ އެ ރަށުގައި ހުންނަ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައެވެ. ޑޮކްޓަރ ޒިޔާން އޭނާގެ ކުރިމައްޗަށް ގުދުވެގެން ހުއްޓެވެ. ސްޓެތަސްކޯޕަކުން ރީމާގެ ހިތުގެ ހިނގުމުގެ އަޑު އަހަމުން ދިޔައެވެ. ރީމާއަށް އުއްޑުން އޮންނަށް އުނދަގޫވެގެން އުޅޭހެން ހީވެއެވެ. އޭނާގެ ނިއްކުރިން ދާހިއްލައިފިއެވެ.