English Edition
Dhivehi Edition

އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) ގެ މައްސަލަ ބޮޑުވެފައިވާއިރު އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އައު ފްލައިން ސްކޫލެއް ހުޅުވުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިހެން ވިދާޅުވީ، ފްލައިން ސްކޫލުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައާ ބެހޭ ކޮމިޓީއަށް ނަހުލާގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ،

އައު ފްލައިން ސްކޫލެއް ގާއިމްކުރުމަށް ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ހާމަކުރައްވަމުން ނަހުލާ ވިދާޅުވީ ޝައުގުވެރިކަން ފާޅުކޮށްފައިވާ ތިން ފަރާތާވެސް ބައްދަލުކޮށް، އެޕްރޫވަލް ހޯދޭނެ ގޮތްތަކާއި، އެންމެ ފަސޭހައިން ކުރިއަށް ގެންދެވޭނެ މަގުތައް އޮޅުންފިލުވައި ދިފައިވާނެ ކަމަށެވެ.

ވިލާ، އައިލެންޑް އޭވިއޭޝަން އަދި ޗެކްރިޕަބްލިކުގެ ކުންފުންޏަކުން ފްލައިން ސްކޫލު ހިންގުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އިތުރަށް ނަހުލާ ވިދާޅުވީ މިއިން އެއްވެސް ފަރާތެއްގެ އެޕްލިކޭޝަން ޕެކޭޖް އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ހަމައަށް ނުލިބޭކަމަށެވެ، މީގެ އިތުރުން ނަހުލާ ވިދާޅުވީ ސަރުކާރުން އިންވެސްޓްކޮށްގެން ސްކޫލެއް ހުޅުވުމުގެ މަޝްވަރާތަކެއްވެސް ކުރެވެމުންދާކަމަށެވެ. އެހެންނަމަވެސް ނަހުލާ ވަނީ ކޮވިޑް-19ގެ ދަތި ހާލަތުގައި އެފަދަ ޕްރޮޖެކްޓެއް ހިންގިދާނެ ކަމުގެ ފީޒިބިލިޓީއާއި މެދުވެސް ސުވާލު އުފައްދާފައެވެ.

އިތުރަށް ނަހުލާ ވިދާޅުވީ ފްލައިން ސްކޫލެއް ގާއިމްކުރުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް އެބައޮތްކަމަށާއި އެކަމަކު ސްކޫލެއް ހުޅުވޭނެ ސީދާ ތާރީހެއް ދަންނަވަން އަދި ދަތިކަމަށެވެ.