English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ލީޑަރު ކަމަށް ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވާދަކުރައްވައިފިއެވެ.

މި މަގާމަށް 12 އަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވާފައިވާ ކަމަށާއި އެއީ އެ ޕާޓީއަށް ވަރަށް އުފާވެރި ކަމެއް އެ ޕާޓީން ބުނެއެވެ.

ޖޭޕީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވި ބައެއް ބޭފުޅުން:

  • ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ
  • ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ
  • ގާސިމްގެ އެގްޒެކްޓިވް ސެކްރެޓަރީ އިގްބާލް އާދަމް
  • މިހާރު ވެސް ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު ސައުދު
  • އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)
  • ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު
  • ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް

ޖޭޕީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގެ އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ރޭ ވަނީ ގުރުއަތު ނަގާފައެވެ.

ޖޭޕީގެ އެންމެ މުހިންމު އެއް ގުނަވަން ކަމަށްވާ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަރު، ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ރައީސް، ޒުވާނުންގެ ލީގުގެ ނައިބު ރައީސް، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސް، އަންހެނުންގެ ލީގުގެ ސެކްރެޓަރީ،ގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެމްބަރުން އިންތިޚާބު ކުރުމަށްވަނީ ހަމަޖެހިފައެވެ.

ނަމަވެސް، ބައެއް މަގާމުތަކަށް ކުރިމަތިލާފައިވަނީ އެއް ކެންޑިޑޭޓަށް ވާތީ، އެމަގާމުތަކަށް ކުރިމަތިލި ކެންޑިޑޭޓުންވަނީ ވޯޓަކަށް ނުގޮސް އޮޓޮމެޓިކުން އިންތިޚާބުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ޕާޓީގެ ލީޑަރުކަމަށް ކުރިމަތިލެއްވި ޤާސިމް އިބްރާހިމާއި، ޒުވާނުންގެ ލީގުގެ ރައީސް ކަމަށް ކުރިމަތިލެއްވި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު އަދި ޒުވާނުންގެ ލީގުގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވި ޝުއައިބު ޝިފާޒް ޝަރީފްގެ އިތުރުން އަންހެނުންގެ ލީގުގެ ސެކްރެޓަރީކަމަށް ކުރިމަތިލެއްވި އައިޝަތު ޝޫޒާ އަހުމަދުއެވެ.

ޖޭޕީގެ މަގާމުތައް ހޮވުމާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިންމާ ނިމުންތައް ނިންމުން އޮންނާނީ ޕާޓީގެ ފަރާތުން މިމަހުގެ 25 އިން 26 އަށް ބާއްވާ ގައުމީ ކޮންފަރެންސްގައެވެ.