ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ހަދާފައިވާ އޭވިއޭޝަން އެކަޑެމީގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ޕްރެކްޓިކަލް ކްލާސްތައް ފެށުމަށް ގެނެސްފައިވާ މަތިންދާބޯޓުތަކުގެ ޓެސްޓު ދަތުރުތައް ބާއްވާފައިވާކަމަށް އައިލެންޑް އެވިއޭޝަނުން ހާމަކޮށްފިއެވެ.
އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ފްލައިންގ ގަޑިތައް ހަމަކުރުމަށްޓަކާ ބޭނުންވާ ބޯޓުތައް މިހާރު ވަނީ ހަމަކޮށްފައި ކަމަށާއި ކުލާސްތައް ފެށުމަށްވަމުންދާ ތައްޔާރީތަކުގެ ތެރޭގައި އެކަޑަމީއަށް 6 ބޯޓެއް ހޯދާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
މީގެ ކުރިން ދަރިވަރުންގެ ޕްރެކްޓިކަލް ކްލާސްތައް އެޕްރީލް މަހުގެ 28 ވަނަ ދުވަހު ފެށުމައް ތައްޔާރުވީ ނަމަވެސް ލޮޖިސްޓިކްސް ބައެއް ކަންކަން ފުރިހަމަ ނުވުމުގެ ސަބަބުން ތާރީޚް ފަސްކުރީ ކަމަށް އައިލެންޑް އެވިއޭޝަންއިން ވަނީ ބުނެފައެވެ.
އައްޑޫ ފްލައިންގ ސްކޫލްގެ މައްސަލަ ބޮޑުވެ އެތަނުގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ކިޔެވުން މެދުކެނޑިފައިވަނިކޮށް ދިމާވި މައްސަލަތައް ހައްލުކޮށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ތަނަކަށް ފްލައިންގ ސްކޫލް ހެދުމަށް ފަހު އަލުން ކިޔެވުން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގައެވެ. އެގޮތުން މިސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ތެރެއިން 35 ކުދިންނާއެކު މިހާރުވަނީ ދަރިވަރުންގެ ތިއަރީބައިގެ 150 ގަޑިއިރުގެ ރިފްރެޝަރ ކޯސް ފުރިހަމަކޮށްފައެވެ. މިކުދިން ދެން ފުރިހަމަ ކުރަންޖެހެނީ 10 ގަޑިއިރުގެ ފްލައިންގ ނުވަތަ ޕްރެކްޓިކަލް ގަޑިތަކެވެ.
އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން އޭވިއޭޝަން އެކަޑަމީއެއް ހިންގަން ޖެހުނީ އައްޑޫ ފްލައިން ސްކޫލް، އޭއޭއޭގެ މައްސަލަ ބޮއްސުންލައިގެން ދިއުމުންނެވެ. އެ ތަނުގެ މައްސަލަތަކާ ހުރެ ދަރިވަރުންނަށް މުއްދަތަށް ކޯސް ފުރިހަމަ ނުކުރެވުމާ އެކު، ކިޔެވުމަށް ނެގި ލޯނު ހުސްވެ އިތުރަށް ވެސް ބައެއް ދަރިވަރުންނަށް ލޯނު ނަގަން ޖެހި އެ ދަރިވަރުން މާޔޫސްކަމެއްގައި ތިބެން ޖެހުނެވެ.