English Edition
Dhivehi Edition

އޭވިއޭޝަން އެކަޑެމީގައި ކިޔެވުން މިއަދު ފަށައިފިއެވެ.

އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ގުޅިގެން ޕައިލެޓުން ތަމްރީނު ކުރުމަށް ހަދާފައިވާ އޭވިއޭޝަން އެކަޑެމީގައި ކިޔެވުން މިއަދު ފަށާފައިވަނީ ފުރަތަމަ ބެޗުގެ 35 ދަރިވަރުންނާ އެކުގައެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މި ބެޗުގެ ރިފްރެޝަރ ޕްރޮގްރާމްގައި 150 ގަޑިއިރުގެ ތިއަރީ ބަޔަކާއި 10 ގަޑިއިރުގެ އުދުހުން ހިމަނާފައިވާ އިރު، ތިއަރީ ކްލާސްތައް ގެންދަން ނިންމާފައިވަނީ އޮންލައިންކޮށް ކަމަށެވެ. ތިއަރީ ކްލާސްތައް ބާއްވަން ނިންމާފައިވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް، މެންދުރު ފަހު އެކަކުން ހަވީރު 6 ޖަހަންދެނެވެ.

ދިވެހި ސަަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އޭވިއޭޝަން އެކަޑެމީ މެނޭޖްކުރާނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.

އޭވިއޭޗަން އެކަޑަމީ އާއި ބެހޭ ގޮތުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ޖެނީފާ ވިދާޅުވީ ފްލައިންގ ސްކޫލަށް ބޭނުންވާ ބޯޓުތައް ޖޮއިންޓް ވެންޗަރ ކުންފުނިން ގަނެފައިވާ ކަމަށެވެ. އަދި މި ޖަނަވަރީ މަހުގެ ތެރޭގައި އެ ބޯޓުތައް ގެނެސް، އަންނަ މަހުގެ ފަހުކޮޅު ފްލައިންގ ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ރިފްރެޝަރ ޕްރޮގްރާމްގެ ފީގެ ގޮތުގައި ދައްކަންޖެހެނީ 1،500 ޑޮލަރެވެ. މި ފައިސާ ލޯނުގެ ގޮތުގައި ދަރިވަރުންނަށް ދޫކުރުމަށް ނިންމައި ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް ސަރުކާރުން ލޯނު ހަމަޖައްސައިދޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރިންވަނީ ބުނެފައެވެ.

އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން އޭވިއޭޝަން އެކަޑަމީއެއް ހިންގުމަށް ނިންމީ އައްޑޫ ފްލައިންގ ސްކޫލް، އޭއޭއޭ ގެ މައްސަލަ ބޮއްސުންލައި، އެ ސްކޫގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ކިޔެވުން ހުއްޓުމުންނެވެ.

އެގޮތުން އެ މައްސަލަތަކާ ހުރެ ދަރިވަރުންނަށް މުއްދަތަށް ކޯސް ފުރިހަމަ ނުކުރެވި، ކިޔެވުމަށް ނެގި ލޯނު ހުސްވެ އިތުރަށް ވެސް ބައެއް ދަރިވަރުންނަށް ލޯނު ނަގަން ޖެހި އެ ދަރިވަރުން މާޔޫސްކަމެއްގައި ތިބެން ޖެހުނެވެ.