އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމާއި، ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އަދި ކާފަރެއްގެ ގޮތުގައި ސިފަކުރުމުގައި ބައިވެރިވުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާ އަށް ކަންތައްތަކެއް އިތުރު ކުރުމަށް ހުށަހަޅުއްވާފައެވެ. މިގޮތުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާގެ ދަށުން ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.
ބިލުގައި ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއްގޮތުގައި، އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކުކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުން ހިމެނެއެވެ. އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމާއި، ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އަދި ކާފަރެއްގެ ގޮތުގައި ސިފަކުރުމުގައި ބައިވެރިވުމަކީ ކުށެއްކަމަށް ވަނީ ބަޔާންކޮށްފައެވެ. މިއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވާއިރު، މި ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެކެވެ.
މީގެ އިތުރުން މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، އަދި އެކަމުގައި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހުށަހަޅާފައެވެ. އެފަދަ ކުށެއް ކުރާ މީހަކު އެކުރަނީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑު އަދަބަކަށް ދެވޭނީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.
މި އިސްލާހުގައި އިތުރަށް ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި އެފަދަ އަނިޔާއެއް ދޭން އުޅުމާއި އެފަދަ އަމަލަކަށް ހިތްވަރު ދިނުން ހިމެނެ އެވެ. އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު ދިނުމަށް އެ އިސްލާހުގައި ވަނީ ކަނޑައަޅައިފައެވެ. އަދި ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅުމަށް އެ އިސްލާހުގައިވަނީ ބަޔާންކޮށްފައެވެ.