ހައުސިން ޔުނިޓު އަޅައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދި، ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ގެ މައްޗަށް 42 ދައުވާއެއް އުފުލައިފިއެވެ.
އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދައުވާތައް ސާބިތުވެއްޖެނަމަ އައްމަޓީގެ މައްޗަށް 65 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އައްމަޓީގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 25 ވަނަ މާއްދާގެ ދަށުން، ހިޔާނަތްތެރިވުމުގެ 42 ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އެއީ އެއް ނަމްބަރުގެ ދަށުން 12 ދައުވާއަކާއި އެ މާއްދާގެ އެހެން ނަމްބަރެއްގެ ދަށުން 25 ދައުވާއަކާއި އިތުރު ފަސް ދައުވާ އެއްކަމަށް މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
އެޗްޑީސީ އާއި ސީލައިފާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކުރިއިރު އެއްބަސްވުމުގައި ވާ މުއްދަތު ހަމަވިއިރު ވެސް އެ މަސައްކަތް ކުންފުނިން ފަށާފައިނުވާއިރު، ފެލްޓު ގަންނަން ހުށަހެޅި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ވަނީ ފައިސާ ނަގާފަ އެވެ.
މި މައްސަލައާއި ގުޅިގެން އައްމަޓީގެ މައްޗަށް މަކަރާއި ހީލަތުން އެ ފައިސާ ނަގައި ހިޔާނާތް ވީކަމުގެ ތުހުމަތު ކޮށްފައިވާއިރު އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން، ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެފައެވެ. އޭނާ ހައްޔަރު ކުރީ އަވައްޓެރި ލަންކާއިން، އޭރު އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯސްޓިސްއެއް ނެރެފައިވަނިކޮށެވެ.