English Edition
Dhivehi Edition
ޕީޖީ ޝަމީމް

އެކި ބައްދަލުވުންތަކުގައާއި ޢާންމު މަސައްކަތުގައި އުޅޭއިރު، މޯބައިލް ފޯނާ ނުލައި އުޅެން ދަސްކުރުމުގެ ގޮތުން، ރޯދަ މަހު އެއްވެސް ބައްދަލުވުމަކަށް، ޕީޖީ އޮފީހުގެ މުވައްޒަފަކު މޯބައިލް ފޯނެއް ވެއްދުން މަނާކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް އޭނާގެ ބްލޮގިގައި ވިދާޅުވެފައިވަނީ މޯބައިލް ފޯނު ނުވެއްދުމުން އެ ބައްދަލުވުމެއްގައި ދެކެވޭ ވާހަކައާއި ކުރާން އުޅޭ ކަމަކަށް ފުރިހަމައަށް ފޯކަސްކުރާނެކަމަށް. ލަގްޒަރީ ޕަބްލިކް ސަރވިސްއެއް ދިނުމަށްޓަކައި، މަސައްކަތުގެ ފެންވަރު ރަނގަޅުކުރަންޖެހޭކަމަށް. އެކަން ކުރެވޭނީ، އެކުރާ ކަމަކަށް އާދަޔާ ޚިލާފު ބޮޑު ފޯކަސްއެއް، ސަމާލުކަމެއް ދީގެންކަމަށް ވެސް ޕީޖީ ވިދާޅުވި. ސަމާލުކަން ދެވޭނީ، ފޯނުން ސަމާލުކަން އަތުލައިގަންނަންކުރާ މަސައްކަތަށް ހުރަސް އަޅައިގެންކަމަށް ޕީޖީ ވަނީ ވިދާޅުވެފަ. އެއްޗެއް ނޯޓުކުރާނަމަ، ނޯޓުކުރާ ފޮތް ހުންނާނެކަމަށާއި, އިންޓަރނެޓުން ކަމެއް ކުރަންވެއްޖެނަމަ، ކޮމްޕިއުޓަރާއި ލެޕްޓޮޕް ހުންނާނެކަމަށް ޕީޖީ ވިދާޅުވި. ފޯނެއް ކުރަންވެއްޖެނަމަ، ލޭންޑް ލައިން ހުންނާނެކަމަށް ވެސް ޕީޖީ ވަނީ މިއަދު ވިދާޅުވެފަ.

މީގެ އިތުރުން ޕީޖީ އޮފީހުން ވަނީ ރޯދަ މަހުގެ ފަހު 10 އެއީ ބަންދު ދުވަސްތަކެއް ނޫންގޮތުގައި ނިންމާފަ. ނަމަވެސް އެދުވަސްތަކުގައި ޕީޖީގެ މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެންކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

ރޯދަ މަހު ކޯޓަށް ހާޒިރުވާންޖެހޭ މުވައްޒަފުންނާއި، ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވާންޖެހޭ މީހުން، އެ ބައްދަލުވުމުގެ ވަގުތުގައި ފިޔަވައި، އެހެން ވަގުތުތަކުގައި ޓައީ އަޅަން ނުޖެހޭ ގޮތަށްވެސް އެ އޮފީހުން ވަނީ ހަމަޖައްސާފަ. ޓައީ ނޭއިޔަސް، ގަމީސްލައި، ދަށަށް ޖަހައި، ބޫޓަށް އަރަންޖެހޭނެކަމަށް ޕީޖީ ވިދާޅުވިއެވެ.

ކޮންމެ ޔުނިޓަކުންވެސް، ރޯދަ މަހުގެ ފަހު 10 ގެ ކުރިން ޙާޞިލުކުރާނެ ކަންތައްތަކެއް ކަނޑައަޅަންޖެހޭ ގޮތަށްވެސް ޕީޖީ ވަނީ ނިންމަވާފަ. އޭގެ ތެރޭގައި ހިމެނޭނީ، މަސައްކަތްތައް ހުންނަ ގޮތުން، ޢާންމު މަސައްކަތު ދުވަހެއްގައި ކުރަން ދަތި ކަންކަންކަމަށެވެ. މިސާލަކަށް، ދުވަސްވީ މައްސަލަތައް ފައިލްކޮށް ނިންމައިލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ފައިލްތައް ތަރުތީބުކުރުމާއި، ކޯޓުތަކުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ގޮސްފައިވާ ހިސާބު ސާފުކުރުން ފަދަ ކަންކަން ހިމެނޭކަމަށ ވެސް ޕީޖީ ވިދާޅުވިއެވެ. އެކަންތައްތަކުގެ ލިސްޓެއް، ރަމަޟާންމަސް ފެށުމުގެ ކުރިން، ސުޕަވައިޒަރަށް ހުށަހަޅައި، ފާސްކުރަންޖެހެއެވެ. އެކަންތައްތައް ކުރެވޭ މިންވަރު ސުޕަވައިޒަރު ދާނީ ބަލަމުންކަމަށް ވެސް ޕީޖީ ވިދާޅުވި. ރަމަޟާންމަހުގެ 20 ވަނަ ދުވަހާ ހަމައަށް، އެލިސްޓުގައި ހުރި ކަންކަން ނިންމައިލެވިއްޖެނަމަ، ފަހު 10 ގައި އެމަޖެންސީކަމެއް ފިޔަވައި، އެހެން މަސައްކަތެއް ނޯންނާނެކަމަށް ވެސް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ. އެކަންތައްތައް ނުނިންމިއްޖެނަމަ، ފަހު 10 ގައި ނުކުމެގެންވެސް އެމަސައްކަތްތައް ނިންމަވަން ޖެހޭގޮތައް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.