English Edition
Dhivehi Edition
25 ފެބުރުވަރީ 2020 ވަނަ ދުވަހު ޕީޖީ އޮފީހާއި އައްޑޫ ސިޓީ ކައުންސިލާއި ދެމެދު ބޭއްވި ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް އެދި ކޯޓަށް، އޮޓޮމެޓިކުން ސިޓީއެއް ފޮނުވޭ ގޮތް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހަދައިފިއެވެ.

ޕީޖީ އޮފީހުން ބުނީ މިއީ ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން ޖިނާއީ ދައުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީއަތް އަވަހަށް ހިންގާ މައްސަލަ ނިންމުމުގެ ބޭނުމުގައި އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އަވަހަށް އިންސާފު ގާއިމުކޮށް ގެވެށި އަނިޔާގެ އަމަލު ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދިނުމަށްޓަކައި މުހިންމު ކަމެއް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެ އޮފީހުން އިސްނަގައިގެން ދައުލަތުގެ ތެރޭގައި ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކޮށް ޕީޖީ އިން ބުނީ މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް، މައްސަލަ ހިނގަމުންދާ ގޮތާއި، ޝެޑިއުލްކުރާ ދުވަސްތަކާއި، އެދުވަސްތަކުގައި މައްސަލައަށްވީ ގޮތް، އެ އޮފީހުގެ ވެބްސައިޓުން ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެމައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި، ސިޓީ ތައްޔާރުކޮށް މިހާރު ކޯޓަށް ފޮނުވަމުން ދާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޕީޖީ އިން ބުނީ މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން އެ މައުލޫމާތު ބަލަން ބޭނުންނަމަ އެ މުއާމަލާތްތައް ފެންނަން ހުންނާނެކަމަށެވެ. އެކަމުގެ ސަބަބުން ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ އަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މައުލޫމާތު ދިނުމާއި، އެ މީހަކަށް އިންސާފު ހޯދައިދިނުމުގައި ދައުލަތުންކުރާ މަސައްކަތްތައް އޭނާއަށް އަންގައިދިނުމުގެ އިތުރުން އެކަމުގައި އޭނާގެ ބައިވެރިވުންވެސް އިތުރުކުރެވިގެން ދާނެކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.