English Edition
Dhivehi Edition
ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލަތައް، ގާނޫނުގައި ބުނާ ގޮތަށް 30 ދުވަހުގެ ތެރޭގައި ނިންމުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ސިޓީ ފޮނުވަން ފަށައިފިއެވެ.

އެ އޮފީހުން ބުނީ، މިއަހަރުން ފެށިގެން އެ އޮފީހުން ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފޮނުވާ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާކުރާ ހުރިހާ މައްސަލަތަކުގައި ވެސް ޙުކުމެއް ކުރަން އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށާފައިވާ ކަމަށެވެ.

“އެ ސިޓީތައް ފޮނުވުމުގެ މަގްސަދަކީ ގާނޫނުގައި އެފަދަ މައްސަލަތަކުގައި ހުކުމް ކުރަން ކަނޑައެޅިފައިވަނީ 30 ދުވަހުގެ މުއްދަތެއްކަން، ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސް، ހަނދާން ކޮށްދިނުމަށް. އަދި މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެމުއާމަލާތުތައް ފެންނަން ހުންނާނެ ކަން ފާހަގަކޮށް ޕީޖީން ބުނީ އޭގެ ބޭނުމަކީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅޭ މައްސަލަތައް އަވަހަށް ނިންމުމަށް ކޯޓުތަކަށް ބާރު އެޅުން,” -ޕީޖީ އޮފީސް-

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަކީ، މީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީހުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމާއި، އެފަދަ ކަންކަން ކުރުން މަނާކުރުމުގެ ގާނޫނެވެ.

އެބާވަތުގެ މައްސަލަތަކުގެ ނުރައްކާތެރިކަމުންނާއި، އެމައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، ޝަރީއަތްކުރުމުގައި ގޮންޖެހުންތަކެއް ހުންނަ ކަން ޕީޖީ އޮފީހުން ފާހަގަކުރޭ. އެހެންކަމުން އެމައްސަލަތައް އަވަހަށް ނިންމުމުގެ މުހިންމުކަމުގެ މައްޗަށް ރިޢާޔަތްކޮށް، އެ ގާނޫނު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ތަފާތު އުސޫލުތަކެއް ކަނޑައަޅައިގެން ކަމަށް އެ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ އޭގެ ތެރޭގައި، އެބާވަތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ހަނުހުރުމުގެ ހައްގު ހަނިކޮށްނ ތަހުގީގު މަރުހަލާގައި ބަންދުގައި ބަހައްޓައި، ގާނޫނީ ވަކީލާއެކު ދައްކާ ވާހަކަވެސް 96 ގަޑިއިރުގެ މުއްދަތަށް ހިންގަންވާނީ ފުލުހުންގެ ހާޒިރުގައި ކަމަށް ގާނޫނުގައި ވާ ކަމަށެވެ.

އޭގެއިތުރުން، އެ ގާނޫނުގެ 17 ވަނަ މާއްދާގައި އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިނަމަ، 15 ދުވަހުގެ ތެރޭގައި، އެމީހެއްގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ހުށަހަޅަން ފުލުހުންނަށް ލާޒިމު ކޮށްފައިވޭ. އަދި އެމުއްދަތު މާ ކުރު ކަމަށް ފުލުހުންނަށް ފެންނަނަމަ، ތަހުގީގު ކުރުމުގެ މުއްދަތު އިތުރު ކުރުމަށް ސަބަބާއެކު ޕީޖީއަށް ހުށަހަޅަން ޖެހޭ ކަމަށް ވެސް އެ އޮފީހުން ފާހަގަކުރެއެވެ.

ޕީޖީން ބުނީ، މައްސަލައެއްގެ ތަހުގީގު ނިމި، އެ އޮފީހަށް ލިބޭތާ 15 ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމަން ވެސް ގާނޫނު ލާޒިމުކުރާ ކަމަށް. އަދި އެ އޮފީހުން، ކޮންމެ މައްސަލައެއްގައި ވެސް އެމުއްދަތުގެ ތެރޭގައި ގޮތް ނިންމަމުންދ ކަމަށާ، އެއްވެސް މައްސަލައެއް، މުއްދަތުން ނައްޓައިގެން ގޮސްފައި ނުވާނެ ކަމަށެވެ.

އެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ)ގައި، އެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލައެއްގައި ކޯޓަށް މައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ކޯޓުން ހުކުމެއް ކުރަންޖެހޭ ކަމަށް ބަޔާންކުރެއެވެ.